ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ޤައުމީ ކުޑަކުދިންގެ ދުވަސް 2017


ތާރީޙް: 10-05-2017

ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ކުޑަކުދީންނަށް ދުވަހުގެ ތަހުނިޔާއާއި މުބާރަކުބާދީ މިކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި ފޮނުވަމެވެ. މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންގެ ޙައްޤުތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އުފާވެރިކަމާއި ރައްކާތެރިކަމާއެކު ހެދިބޮޑުވެވޭނެ މާޙައުލެއް ކުޑަކުދިންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ.

ކުޑަކުދިންގެޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށްޓަކައި އެކުދިންގެ ދިރިހުރުމާއި ހެދިބޮޑުވުމާއި ރައްކާތެރިކަމަށް އިސްކަންދިނުމަށާއި ކުދިންނާގުޅޭ ކަންކަން ނިންމުމުގައި އެކުދިންގެ ޚިޔާލު ހޯދައި، އެކަންކަމުގައި ބައިވެރިކުރުމަށް ބާރުއަޅާފައިވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސިގެ 35 ވަނަ މާއްދާގެ (ހ) ގައި، ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިގެންވާ ޙައްޤެއް ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ހާނީއްކަކޮށް، ޖިންސީގޮތުން އަނިޔާކޮށް، އެއްވެސްގޮތަކުން ތަފާތުކޮށް، އެކަށީގެންނުވާ އިޤްތިޞާދީ، އިޖުތިމާޢީ ކަންތައްތަކުގައި ބައިވެރިކޮށް، އެމީހުންގެ ފުށުން ނާޖާއިޒް މަންފާތައް ޙާޞިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެން ނުވާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

2016 ވަނަ އަހަރުމި ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ހުށައަޅާފައިވާ 3 ދާއިރާގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރިމައްސަލަތައް ހިމެނެއެވެ. އަދި މިވަގުތު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރިމައްސަލަތައްކަންވެސް ފާހަގަކުރެވެއެވެ. މިދެންނެވި މައްސަލަތަކުގެ ތެރޭގައި، ދައުލަތުގެ ފަރާތުން ކުދިންނަށް ލިބެންޖެހޭ ޚާއްސަ ރައްކާތެރިކަން އެކަށީގެންވާ ފެންވަރެއްގައި ނުލިބޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި،ޢާއިލާގެ މެންބަރުންގެ ފަރާތުން އަނިޔާލިބިފައިވާ މައްސަލަތަކާއި، ޚަޟާނާތުގެ މައްސަލަތަކާއި، މުޖްތަމަޢުގެ ފަރާތުން ކުއްޖާއަށް އިހުމާލުވެފައިވާ މައްސަލަތައް ހިމެނެއެވެ. އެހެނިހެން މުއައްސަސާތަކަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު، ސްކޫލް މާޙައުލާއިއެނޫން ތަންތަނުން ކުޑަކުދިންނަށް ދިމާވާ ގަނާކުރުމާއި އެހެނިހެން ގޯނާގެ މައްސަލަތަކާއި، ކުށްކުށަށް އަރައިގަތުމުގައި ނިވާފަތްގަޑެއްގެ ގޮތުގައި ކުޑަކުދިން ބޭނުންކުރާ މައްސަލަތައް ހިމެނެއެވެ.

ވުމާއެކު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް އެކުދިންނަށް ލިބެމުންދާ އަނިޔާތަކުން ސަލާމަތްކުރުމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނީ ނިޒާމް މިހާރަށްވުރެ ހަރުދަނާކުރުމަށް ދައުލަތުގެ ކަމާގުޅުންހުރި ފަރާތްތަކަށް މި ކޮމިޝަނުން ގޮވާލަމެވެ. އެގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އިސްލާޙްކޮށް، ޖުވެނައިލް ޖަސްޓިސް ބިލާއި އެޑިއުކޭޝަން ބިލުގެ މަސައްކަތް އަވަސްކުރުމަށް އިލްތިމާސްކުރަމެވެ. ހަމައެހެން، ދައުލަތުގެ ފަރާތުންނާއި، ޢާއިލާގެ ފަރާތުންނާއި މުޖުތަމަޢުގެ ފަރާތުން ކުޑަކުދިންނަށް ލިބެންޖެހޭ ލޯތްބާއި ޙާއްސަ ރައްކާތެރިކަން ކަށަވަރުކުރުމަށް، އެކުދިންނަށް ކުރާ އަނިޔާ، ޚާއްސަ ގޮތެއްގައި ޖިންސީ އަނިޔާގެ ޢަމަލުތައް ރިޕޯޓުކުރުމަކީ ލަދުވެތިކަމެއްކަމުގައި ދެކި، އެކަން ފޮރުވުމުގެ ބަދަލުގައި އެފަދަ ކަންކަންލަސްނުކޮށް ކަމާގުޅުންހުރި ފަރާތްތަކަށް ރިޕޯޓުކުރުމަށް މިފުރުސަތުގައި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ.ކުޑަކުދިންގެ ޙައްޤުތަކާއި ކުޑަކުދިންނަށް ލިބޭ އަނިޔާއާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކާއި މީޑިއާއިން ކުރަމުންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް، ކުޑަކުދިންނާ މެދު އަނިޔާގެ ޢަމަލުތައް ހިންގާ ފަރާތްތަކާއި، އެކުދިންނާ މެދު އިހުމާލުވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، ވީ އެންމެ އަވަހަކަށް އިންސާފު ޤާއިމުކުރުމަށް ގޮވާލަމެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންނަކީ، އިސްލާމްދީނަށް ޙުރުމަތްތެރިކޮށްހިތާ، ދިވެހި ޤައުމުދެކެލޯބިވާ، ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވޭ، ޞިއްޙަތު ރަނގަޅު ބަޔަކަށްހެދުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ.