ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް


ތާރީޙް: 03-05-2017

ކޮންމެ އަހަރެއްގެ މޭ މަހުގެ 3 ވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިޙްތިރާމްކޮށް އެކަން ނެގެހެއްޓުމަށް ބާރުއެޅުމެވެ. މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމަށް ދަ ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޮގަނައިޒޭޝަން (ޔުނެސްކޯ) އިން ކަނޑައަޅާފައިވާ ޝިޢާރަކީ:

"Critical Minds for Critical Times: Media’s role in advancing peaceful, just and inclusive societies"

ނޫސްވެރިކަމުގެ މިނިވަންކަމާގުޅޭ ގޮތުން 2016 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނާއި ދައުލަތުގެ އެހެނިހެން އިދާރާތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެތެރޭގައި، ނޫސްވެރިންނަށާއި، ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކަށާއި، މީޑިއާތަކަށް އިންޒާރުދީ ބިރުދެއްކުމާއި، ނޫސްވެރިއަކު ވީނުވީގޮތެއްނޭނގި ގެއްލިފައިވުމާއި އަދި ނޫސްވެރިންގެ ފުރާނައަށް ގެއްލުންވާ ގޮތަށް ލާއިންސާނީ ތަފާތު ޢަމަލުތައް ހިންގާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ އިދާރާއަކުން މަޢުލޫމާތު ހޯދުމަށް ދަތިތަކެއް ކުރިމަތިވި މައްސަލައާއި، ޝަރީޢަތުގެ އަޑުއެހުމަކަށް ނޫސްވެރިން ވަނުމުގައި ދަތިތަކެއް ދިމާވެގެން ހުށަހެޅިފައިވާ މައްސަލަ ހިމެނެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެކެވެ. އެހެންކަމުން، ނޫސްވެރިންނަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވޭނެ ރައްކާތެރި މާހަޢުލެއް ޤާއިމުކޮށްދިނުމަކީ ދަޢުލަތާއި އަދި ޢާއްމުކޮށް މުޅި މުޖުތަމަޢުގެ ޒިންމާއެއްކަމަށް ބަލައިގަނެ، އެކަމަށް މަސައްކަތްކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. އަދި ނޫސްވެރިންނާ ދެކޮޅަށް ހިންގާ އެންމެހާ ބިރުދެއްކުމުގެ ޢަމަލުތަކާއި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ ފަރާތްތަކުގެތަޙްޤީޤު އަވަސްކޮށް، އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދެވޭކަން ކަށަވަރުކުރުމަށް ގޮވާލަމެވެ. މިނިވަން ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނެފަދަ ގޮތަކަށް ފަހިކުރެވިފައިވާ އެންމެހާ ސިޔާސަތުތަކާއި ޤާނޫނުތައްތަންފީޒުކޮށް ދެމެހެއްޓުމަށްދައުލަތުގެ

ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށްމި ފުރުސަތުގައި އިލްތިމާސްކުރަމެވެ. އަދި މިފަދަ ނޫސްވެރިކަމެއް ކުރުމަށް ތަޢްލީމާއި ތަމްރީނަކީ ނުހަނު މުހިންމު އެއްޗަކަށް ވީހިނދު، އެފަދަ ފުރުސަތުތައް ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. ހަމައެހެންމެ، ދައުލަތުގެ މުއައްސަސާތަކުން މަޢުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެފައި އޮތުމުގެ މުހިންމުކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ.

ނޫސްވެރިންނަކީ، މުޖުތަމަޢުގައި ތިބި ޚާއްސަ އަޅާލުމާ ރައްކާތެރިކަމަށް ބޭނުންވާ އެންމެހާ ފަރާތްތަކުގެ އަޑު ރައްޔިތުންނާއި ދައުލަތުގެ ސަމާލުކަމަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވީހިނދު، އެފަދަ ފަރާތްތަކުގެ ޙައްޤުތަކާމެދު ހޭލުންތެރިކޮށް އެކަންކަން ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގައި މީޑިއާއާއި ނޫސްވެރިންގެ ދައުރު މިހާރަށްވުރެ ފުޅާކުރަންޖެހެއެވެ. އެގޮތުން، އަންހެނުންގެ ޙައްޤުތަކާއި، ގެވެށި އަނިޔާއާއި، މިންތީގެ ހަމަހަމަކަމާއި، ކުޑަކުދިންގެ ޙައްޤުތަކާއި، ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތަކާއި، ނަފްސާނީ ބަލިތަކާމެދު ރައްޔިތުން ހޭލުންތެރިކުރުވައި އަދި އެފަދަ ކަންކަމާމެދު ފަރުދުންގެ މެދުގައި ހުރި ކުށްހީތަށް ނައްތާލުމަށް ކުރާ މަސައްކަތްތައް އިތުރުކުރަންޖެހެއެވެ. ހަމައެއާއެކު މަޢުލޫމާތު ހޯދައި ފޯރުކޮށްދިނުމުގައި މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑު ހިފަހެއްޓުމާއި އަނެކާގެ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ޘަޤާފަތެއް ގެންގުޅުމަށް ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ.