ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ދުނިޔޭގެ ޞިއްޙަތު ދުވަސް 2017


07-04-2017ތާރީޙް: 

ފުރިހަމަ ޞިއްޙަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ އެންމެ އަގުބޮޑު އެއް ނިޢުމަތެވެ. މި ދުވަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު، މިދުވަސްވަރަކީ ދިވެހިރާއްޖޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރި، ޞިއްޙީ ޙާލަތު ނާޒުކު ފައްތަރަކަށް ހިނގައިދާނެކަމުގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން މި ބަލިމަޑުކަމުން އަރައިގަނެ، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކާއި ޢާންމު ފަރުދުން ގުޅިގެން ކުރަމުންދާ މަސައްކަތް ފާހަގަކުރަމެވެ.

އިންސާނީ ޙައްޤުތަކުގެ ތެރެއިން ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ބޭނުންވާ އަސާސީ ކަންކަން ފަހިވުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އެކި މުޢާޙަދާތަކުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައްޤު ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދީ، ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބާރުއަޅާފައިވެއެވެ.

ދުނިޔޭގެ ޞިއްޙީ ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ އެއިރެއްގައި ދުނިޔޭގައި ޢާއްމުވަމުންދާ ތަފާތު އެކި ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ބާރުއަޅައި، ޖަމާޢަތާއި ފަރުދީ ފެންވަރުގައި މިފަދަ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މިގޮތުން، މި އަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ“Depression-let’s talk about it” ("ޑިޕްރެޝަން - އާމެދު ވާހަކަދައްކަމާ") އެވެ.

ޑިޕްރެޝަނަކީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން 300 މިލިއަނަށްވުރެ ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ ކަމަކަށްވާއިރު، މިއީ ވަކި ޢުމުރުފުރައެއް، ވަކި ޖިންސެއް، ވަކި ގިންތިއެއް ނުވަތަ ވަކި ޤައުމަކަށް ޚާއްޞަވުމެއް ނެތި ކޮންމެ މީހަކަށްވެސް ކުރިމަތިވެދާނެކަމެކެވެ. އަދި މިއީ އެހެނިހެން ބަލިތަކަށްވެސް މަގުފަހިވެ، ޢާންމު ދިރުއުޅުމުގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާބިލުކަމަށް ހުރަސްއެޅި، ޢާއިލާތަކަށާއި، އެކުވެރިންނަށާއި، މުޖުތަމަޢުތަކަށާއި، މަސައްކަތު މާޙައުލަށްވެސް އޭގެ އަސަރު ފޯރަފާނެކަމެކެވެ. އެގޮތުން ދިވެހިރާއްޖޭގެ މި ކުޑަކުޑަ މުޖުތަމަޢުގައިވެސް މިބަލި ތަޙައްމަލުކުރަމުންދާ ގިނަ ފަރާތްތަކެއް ތިބިކަމާއި، މިކަމުގެ ސަބަބުން ހިތާމަވެރި ޙާދިސާތައް މަދުން ނަމަވެސް ހިނގަމުން ދާކަން ޤަބޫލުކޮށް، އެކަން ބަލައިގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

ދިވެހިރާއްޖޭގެ ނޭޝަނަލް މެންޓަލް ހެލްތް ޕޮލިސީ-ޑްރާފްޓް 2014 ގައިވާ ގޮތުން، ޑިޕްރެޝަނަށް މީހުން ހުށަހެޅުމަށް ދިމާވާ ސަބަބުތަކުގެ ތެރޭގައި ގެވެށިއަނިޔާއާއި، ކުޑަކުދިންނަށްކުރާ އަނިޔާއާއި، ޢާއިލާ ރޫޅުމާއި، ތަޢުލީމީ ޙަޔާތުގައި ދިމާވާ ގޮންޖެހުންތަކާއި، ވަޒީފާ ނުލިބުމާ އަދި އިޤްތިޞާދީ ފޯރުންތެރިކަން ނެތުން ހިމެނެއެވެ. ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ) ގެ "ޑިޕްރެޝަން އެންޑް އަދަރ ކޮމަން މެންޓަލް ޑިސްއޯޑަރސް–ގްލޯބަލް ހެލްތު އެސްޓިމޭޓާސް 2017" ގައި ހާމަކޮށްފައިވާ ގޮތުން، 2015 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 3.7 އިންސައްތަ މީހުންނަކީ ޑިޕްރެޝަންއަށް ފަރުވާ ހޯދާފައިވާ މީހުންނެވެ.
އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން 2016 ވަނަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވާ 3 ދާއިރާގެ ތެރޭގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައްޤާ ގުޅޭ މައްސަލަތައް ހިމެނޭކަން ފާހަގަކުރެވެއެވެ. އެގޮތުން، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ މައްސަލަތަކާއި، ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ލިބިދެވޭ ޞިއްޙީ ފަރުވާއާ ގުޅުންހުރި މައްސަލަތަކާ އަދި ޞިއްޙީ ޚިދުމަތް ދޭ ފަރާތްތަކުގެ އިހުމާލުގެ މައްސަލަތައް ހިމެނެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގައި ޞިއްޙީ ޚިދުމަތު ފޯރުކޮށްދިނުމަށް އެކުލަވާލަމުންދާ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފަހި އިންތިޒާމުތަކެއް ހަމަޖެއްސުމަށް ދައުލަތަށް އިލްތިމާސްކުރަމެވެ. އަދި ޞިއްޙީ ނިޒާމުގެ ތެރެއިން، މިހާރު އެކުލަވާލެވިފައިވާ ނެޝަނަލް މެންޓަލް ހެލްތު ޕޮލިސީގެ ތަންފީޛީ ދުވެލި ބާރުކޮށް، ކަމުގެ ނާޒުކުކަމާއި މުހިއްމުކަމަށްޓަކައި އަވަސް ފިޔަވަޅުތަކެއްއަޅައި، މެންޓަލް ހެލްތާބެހޭ ޤާނޫނެއް އެކުލަވާލައި، ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން މި މަސައްކަތްކުރިއަށް ގެންދިއުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. މިގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ނަފުސާނީ ދުޅަހެޔޮކަމާމެދު ކުރެވޭ ކުށްހީތައް ނައްތާލައި، މިކަމާމެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެހީ ބޭނުންވެފައިވާ ފަރާތްތައް ދެނެގަނެ، ޑިޕްރެޝަން ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުޖުތަމަޢުއާއި އެންމެހާ ފަރުދުންނަށް އިލްތިމާސްކުރަމެވެ.