ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

މިހާރު ފެތުރެމުންދާ ރޯގާ އާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފުންނަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސަވައި ދެއްވައިފި


ތާރީޙް: 16-03-2017

މިހާރު ފެތުރެމުންދާ ރޯގާ އާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފުންނަށް ލުއި ފަސޭހަގޮތްތަކެއް ހަމަޖައްސަވައި ދެއްވައިފިއެވެ. މިގޮތުން، ކޮމިޝަންގެ މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ އިމީޑިއޭޓް އާއިލާގެ މެމްބަރަކު މި ރޯގާ އަށް ޝައްކު ކުރެވޭ ކަމަށް ނުވަތަ މި ބަލި ޖެހިފައިވާކަމަށް ހުއްދަ އޮތް މެޑިކަލް އޮފިސަރަކު ދެއްވާ ލިޔުމެއް ހުށަހަޅާ މުވައްޒަފުން ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި ހަމައެހެންމެ، ކޮމިޝަންގައި މަސައްކަތްކުރައްވާ މާބަނޑު މުވައްޒަފުންނަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އެލާޓްގައި ވަލްނަރަބަލް ގުރޫޕްގޮތުގައި ކަނޑައަޅާފައިވާ ބަޔަކަށް ވުމާއި މިހާރުވެސް ހިތާމަވެރި ހާދިސާއެއް މި ރޯގާގެ ސަބަބުން މާބަނޑު އަންހެނަކަށް ދިމާވެފައިވުމާއެކު ވަޒީފާގެ މާހައުލުގައި މާބަނޑު މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދަތިވާތީ އެޗްޕީއޭ އިން އާއްމުކޮށްދެއްވާފައިވާ އިރުޝާދަށް ރިއާޔަތްކޮށް، އެޗްޕީއޭއިން ނެރެފައިވާ އެލާޓް ނަގަންދެން މާބަނޑު މުވައްޒަފުން ވެސް ވަޒީފާއަށް ނުކުންނަން ނުޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. މިގޮތުން ވަޒީފާއަށް ނުނިކުންނަ ދުވަސްތަކަކީ ޚާއްޞަ ޙާލަތެއް ކަމަށް ބަލައި، އެދުވަސްތަކަށް މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.