ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

PR-1/2017 ނޫސްބަޔާން - ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް 2017


07-03-2017ތާރީޙް: 

މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނަކީ މުޖްތަމަޢުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއްކަން ފާހަގަކުރުމާއި، ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން މުހިންމުކަން ދެނެގަނެ،އަންހެނުންނާމެދު ކުރާ ނޭދެވޭ ތަފާތުކުރުންތަކާމެދު މުޖުތަމަޢު ހޭލުންތެރިކުރުވައި، އެކަންތައްތައް އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމެވެ. ހަމައެހެންމެ މިފަދަ ދުވަހެއް ފާހަގަކުރުމުގެ އަނެއް ބޭނުމަކީ އަންހެނުންނާ ގުޅުންހުރި ކަންތައްތަކަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރުމާއި، އަންހެނުންނާމެދު ހުރި ތަފާތުކުރުންތަކާއި ބޭއިންސާފުން ކުރާ ކަންކަން ހަނދާންކޮށް ދެނެގަތުމެވެ.

މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރަކީ "2030 ވަނަ އަހަރަށް 50-50 ދުނިޔެއެއް: ދުނިޔޭގެ ބަދަލުވަމުންދާ މަސައްކަތުގައި އަންހެނުން" މިއެވެ.

މި ޝިޢާރުގެ މަޤްޞަދަކީ 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލުކުރެވޭނެ ގޮތްތައް ދެނެގަނެ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބާރުއެޅުމެވެ. ވަކިން ޚާއްޞަކޮށް، ޖިންސުގެ ހަމަހަމަކަން ޤާއިމުކޮށް އަންހެނުން ބާރުވެރިކުރުވުމާއި، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ރަނގަޅު ފެންވަރެއްގެ ތަޢުލީމު ފޯރުކޮށްދިނުމާއެކު އުނގެނުމަށް ހިތްވަރުދިނުމެވެ.

ދިވެހިރާއްޖޭގައި އަންހެނުންގެ ޙާލަތަށް ބަލާއިރު، ހިއުމަން ރައިޓްސް ކޮމިޝަނަށް 2016 ވަނަ އަހަރު ހުށަހަޅާފައިވާ އަންހެނުންގެ ޙައްޤުތަކާ ގުޅޭ މައްސަލަތަކުގެ ތެރޭގައި، ގެވެށި އަނިޔާއާއި، އެކަނިވެރި މައިންނަށް ލިބެންޖެހޭ އިނާޔަތް ނުލިބުމާއި، އާއިލާ ބިނާކުރުމަށް ހުރަސްއެޅުމާ ގުޅުންހުރި މައްސަލަތައް ހިމެނެއެވެ.

ގެވެށި އަނިޔާގެޝިކާރައަކަށް ވެގެން ގެނެވޭ ފަރާތްތަކަށް އެކަށީގެންވާއެހީތެރިކަން ފޯރުކޮށްދިނުމުގައި ޤާނޫނު ނަގަހައްޓާ ފަރާތްކާއި، ޖުޑިޝަރީއާއި، ޞިއްޙީ ޚިދުމަތްތައް ދޭ ފަރާތްތައް އަދި އިޖުތިމާޢީ ރައްކާތެރިކަން ފޯކޮށްދޭ ފަރާތްތައް މިކަމާމެދު ސެންސިޓައިޒްވެފައި ނެތްކަމާއި، ގޮތް ނިންމާ ފަންތިތަކުގައި އަންހެނުން ހިމެނޭ ނިސްބަތް ދަށްކަން އަންހެނުންނާ މެދު ކުރާ އެންމެހާ ނޭދެވޭ ތަފާތުތައް ނައްތާލުމާ ބެހޭމުޢާހަދާގެ ކޮމިޓީއަށް ހިއުމަން ރައިޓްސް ކޮމިޝަނުން 2015 ވަނަ އަހަރު ހުށަހެޅި ރިޕޯޓްގައިވެސް ފާހަގަކޮށްފައިވެއެވެ.

ވީމާ، އަންހެނުންނަށް ދިރިއުޅުމުގެ އެކިއެކި މައިދާންތަކުގައި ކުރިމަތިވާ ހުރަސްތައް ނައްތާލައި، އަންހެނުންނާމެދު ދެކޭ ގޮތް ބަދަލުކޮށް، އަންހެނުންނަށް ކުރާ އަނިޔާ ރިޕޯޓުކޮށް، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ، ސިއްޙީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޤާއިމުކޮށްފައިވާ ނިޒާމުތައް އިތުރަށް ހަރުދަނާކޮށް، ސިޔާސީ މައިދާނާއި މަސައްކަތުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ބަސްކިޔޭ ފެންވަރުގައި އިތުރުކޮށް، އަންހެނުންގެ ޤާބިލުކަމާއި ހުނަރުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭނެގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށް ގޮވާލަމެވެ. މިންތީގެ ތަފާތުތައް ނައްތާލައި ހަމަހަމަކަން ޤާއިމުކުރުމަށް 2016 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ ޖެންޑަރ އިކުއަލިޓީގެ ޤާނޫނުނަށް އެންމެހާ ފަރާތްތައް އަހުލުވެރިކުރުވައި، އެޤާނޫނުގެ ދަށުން ޤާއިމު ކުރަންޖެހޭ ނިޒާމްތައް ފުރިހަމަކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ.