ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމް އިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފޮލޯއަޕް ޒިޔާރަތެއް ކޮށްފި


ތާރީޙް: 22-02-2017

އެޗް.އާރް.ސީ.އެމްއިން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 21 ފެބުރުއަރީ 2017 ގައި ފޮލޯއަޕް ޒިޔާރަތެއްކޮށްފިއެވެ.

މި ޒިޔާރަތުގެ މަޤްޞަދަކީ 2009، 2011، 2013، 2014، 2015 އަދި 2016 ވަނަ އަހަރު ކޮމިޝަނުން މަރުކަޒަށް ކޮށްފައިވާ ޒިޔާރަތްތަކަށްފަހު މަރުކަޒަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޛު ކުރެވެމުންދާ މިންވަރާއި، ތަނުގެ ޙާލަތަށް ބަދަލު އައިސްފައިވާ މިންވަރު ދެނެގަތުމާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމެވެ. އަދި މީގެއިތުރުން ދަޢުލަތުގެ ބެލުމުގެދަށުގައި ތިބޭފަރާތްތަކަށް ލިބިދޭންޖެހޭ ހައްޤުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމާއި މަރުކަޒުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޙާލަތު ދެނެގަތުންވެސް މިޒިޔާރަތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެމަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި މިނިސްޓްރީ އޮފް ހެލްތް އާއި މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ފެމިލީ އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް ޖެންޑާރ އެންޑް ފެމިލީ އާއިބައްދަލުކޮށް، ރިޕޯރޓުގައިވާ ހުށަހެޅުންތައް ތަންފީޛްވަމުންދާ މިންވަރު ދެނެގަތުމަށް ގަވާއިދުން ލިޔުމުން ފޮލޯއަޕް ހަދަމުންގެންދާނެއެވެ.