ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗް.އާރް.ސީ.އެމްއިން މާލޭ ޖަލަށް ޒިޔާރަތެއްކޮށްފި


ތާރީޙް: 12-02-2017

އެޗް.އާރް.ސީ.އެމް އިން މާލޭ ޖަލަށް 07 އަދި 09 ފެބްރުއަރީ 2017 ގައި މޮނީޓަރިންގ ޒިޔާރަތެއް ކޮށްފިއެވެ.

މި ޒިޔާރަތުގެ މަޤްޞަދަކީ މާލެ ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނާއި، މިޖަލުގައި ޝަރީޔަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ތިބި މީހުންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ ޢަމަލެއް ހިނގާތޯބެލުމަށާއި، ރާއްޖޭގައި ލިބިދީފައިވާ އިންސާނީ ޙައްޤެއް ގެއްލޭފަދަކަމެއް މިޖަލުގައި ހިނގާތޯބަލައި، މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭ މީހުންގެ އާއްމު ޙާލަތާއި މުވައްޒަފުންގެ ޙާލަތު ދެނެގަތުމެވެ.

މި ޒިޔާރަތަށްފަހު، ކޮމިޝަނުން އާއްމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ މަތިން، ޒިޔާރަތުގައި ފާހަގަކުރެވުނު މުހިއްމު ކަންކަމުގެ މައްޗަށް އެކުލަވާލާ ރިޕޯޓު، މާލޭ ޖަލާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ޙިއްޞާކުރާނެއެވެ. އަދި ކޮމިޝަނުގެ ރިޕޯރޓުގައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއެކު ބައްދަލުކޮށް، ރިޕޯރޓުގައިވާ ހުށަހެޅުންތައް ތަންފީޛްވަމުންދާ މިންވަރު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށްގެންނާ އަދި ލިޔުމުން ގަވާއިދުން ފޮލޯއަޕް ހަދަމުންގެންދާނެއެވެ.