ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ރައްދުދީ ސިޓީއެއް ފޮނުވައިފި


22-10-2013ތާރީޙް: 

މޯލްޑިވްސް ޕޮލިސް ސާވިސަސްއަށް ފޮނުވި ސިޓީގެ ޖަވާބުގައި ކޮމިޝަނުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި 2013 އޮކްޓޯބަރ 19 ވަނަ ދުވަހުގެ ހެނދުނު އެދުވަހު ބޭވުމަށް ހަމަޖެހިފައިވާ އިންތިޚާބަށް ފުލުހުން ހުރަސް އަޅާފައިވާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން އެކަން ހިނގާ ދިޔަގޮތުގެ ތަޙްޤީޤް މި ކޮމިޝަނުން ވަގުތުން ފަށާފައިވާކަމަށް ބުނެފައިވެއެވެ. މިގޮތުން، 2013 އޮކްޓޯބަރ 19 ވަނަ ދުވަހުގެ ހެނދުނު އިލެކްޝަންސް ކޮމިޝަން ހުންނަ އިމާރާތަށް މި ކޮމިޝަންގެ މުވައްޒަފުން ގޮސް ކޮމިޝަނުން ބަލަން ބޭނުންވި ބައެއް ކަންތައްތައް ބަލާ އަދި އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނަރަލްއާއި ފުލުހުންގެ ބައެއް ފަރާތްތަކުން މިކަމާ ގުޅޭ މަޢުލޫމާތު ސާފުކޮށްފައިވާކަން ބުނެފައިވާނެއެވެ. މިގޮތުން، ކޮމިޝަނުން ބެލިބެލުމުން ކަށަވަރުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ބޭރަށް އެއްވެސް އެއްޗެއް ބޭރަށް ނެރުން ހުއްޓުވާފައިވާކަމެވެ. އަދި މީގެ އިތުރުންވެސް ހަމަ އެވަގުތު ކޮމިޝަންގެ ނާއިބު ރައީސް، މިކޮމިޝަނަށް ފުލުހުންގެ ފަރާތުން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާއި އެތަކެއް ފަހަރުމަތިން ގުޅުއްވާފައިވާއިރު، އެފަރާތުން މިކޮމިޝަނަށް އިޖާބަދީފައި ނުވާއިރު، ފޮނުވި ޓެކްސްޓް މެސެޖަށްވެސް ފުލުހުންގެ ފަރާތުން އިޖާބައެއް ދެއްވީ އެދުވަހުގެރޭ 11:45ގައި ކަމާއި މި ކޮމިޝަންގެ ފަރާތުން ފުލުހުންގެ ބަހެއް މިކަމުގައި ހޯދަން އުޅެ ނުލިބިފައިވާއިރު، ކޮމިޝަނުން މިކަން ކުށްވެރިކޮށްފައިވަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތިކަމަށް ފުލުހުންގެ މުއައްސަސާއިން ވިދާޅުވުމަކީ ޙަޤީޤަތާ އެއްގޮތަށް ވިދާޅުވެފައިވާ ވާހަކައެއް ނޫންކަން އެެސިޓީގައި ފަހަގަކޮށްފައިވާނެއެވެ.


އަދި މީގެ އިތުރުންވެސް، ފުލުހުންނާއި ނުގުޅުމުން ފުލުހުންގެ ބެލެނިވެރި މުއައްސަސާކަމަށްވާ ހޯމް މިނިސްޓްރީ ހިންގެވުމާ ޙަވާލުވެހުންނެވި އަލްފާޟިލް އަޙްމަދު ޝަފީޢުއާ ފޯނުން ގުޅާ މިގޮތަށް ފުލުހުން އަމަލުކޮށް އިންތިޚާާބަށް ހުރަސްއަޅާފައިވަނީ ކީއްވެގެންތޯ ސާފުކުރުމުން، ފުލުހުން އަމަލުކޮށްފައިވަނީ މުއައްސަސާގެ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި، ފުލުހުންގެ މައްޗަށް ކޮށްފައިވާ އޯޑަރެއްގެ ދަށުންކަމަށް މި ކޮމިޝަނަށް މަޢުލޫމާތު ދެއްވާފައިވާކަން ފާހަގަކޮށްފައިވެއެވެ.


އަދި ހަމައެހެންމެ، ފުލުހުންގެ ޕްރެސް ކޮންފަރެންސެއް އެދުވަހުގެ ހެނދުނު 9.30 ގައި އޮންނާނެ ކަމަށް މި ކޮމިޝަނަށް މަޢުލޫމާތު ލިބުމުން، މިކަމުގައި ފުލުހުންގެ ބަހާއި އަމަލުހުރި ގޮތާއި އަދި ފުލުހުންގެ ސްޓޭންޑްއަކީ ކޮބައިކަން މުޅި ޤައުމަށް މި ޕްރެސް ކޮންފަރެންސް މެދުވެރިކޮށް ހާމަކޮށްދެއްވުމުން، މި ކޮމިޝަނަށް އެނގެން ބޭނުން ވަރަށް ގިނަ މަޢުލޫމާތާއި އުފެދިފައިވާ ބައެއް ސުވާލުތަކުގެ ޖަވާބުތައް ލިބިގެންދިޔަކަމަށްވެސް އެސިޓީގައި ފާހަގަކޮށްފައިވާނެއެވެ. އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ދަމަހައްޓާ ކުރިއެރުވުމުގައި މި ކޮމިޝަންގެ ނިންމުންތަކާއި އާންމު ރައްޔިތުންނަށް ހާމަކުރަންޖެހޭ ކަމަށް ދެކޭ މަޢުލޫމާތުތަކަކީ ޤާނޫނުއަސާސީގެ 189 ވަނަ މާއްދާ އާއި ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މި ކޮމިޝަންގެ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ލިބިދީފައިވާ ބާރުތަކުގެ ދަށުން ކުރާ މަސައްކަތްތައް ކަމަށްވީ ހިނދު، ކޮމިޝަނަށް ފެންނަ ޚިޔާލުތަކާއި ހުށަހަޅާ ހުށަހެޅުންތައް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އިންސާނީ ޚައްޤުތައް ހިމާޔަތް ކުރުމަށްޓަކައި މި ކޮމިޝަނަށް ފެންނަ ހިނދެއްގައި ހާމަކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޮމިޝަނަށް ލިބިގެންވާކަންވެސް ސިޓީގައި ދަންނަވާފައިވެއެވެ.


ހިއުމަން ރައިޓްސް ކޮމިޝަނުން އިންސާނީ ޙައްޤުތައް ދިފާއުކޮށް ރައްކާތެރިކުުރުމަށް މަސައްކަތްކުރާ އުސޫލުތަކާއި ހަމަތަކަށް އެއްވެސް ވަރަކަށް ބެއްލެވުމެއްނެތި، 2013 އޮކްޓޯބަރ 19ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބާއްވަން މަސައްކަތްކޮށްފައިވާ އިންތިޚާބު ފުލުހުން ހުއްޓުވާފައިވާކަމަށް މިކޮމިޝަނުން ބުނެފައިވަނީ ތަޙްޤީގެއް ކޮށްފައިތޯ ސުވާލުއުފައްދާފައިވާތީ، އިންސާނީ ޙައްޤަކަށް އަރާގެންފިނަމަ އެކަން ލަސްނުކޮށް ހާމަކުރުމަކީ މި ކޮމިޝަންގެ ޒިންްމާތަކުގެ ތެރެއިން ޒިންމާއެއްކަމާއި އިންސާނީ ޙައްޤެއް ނުވަތަ ޙަައްޤުތަކެއް ނިގުޅައިގެންފިކަން މި ކޮމިޝަނަށް ކަށަވަރުވެއްޖެ ހިނދެއްގައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ތަޙްޤީޤްކުރުމުގެ އިތުރުން މި ކޮމިޝަނުން ކުރަންޖެހޭ ކަމެއްކަމާއި، ތަޙްޤީޤީ އިޖުރާޢަތުތައް ފުރިހަމަ ކުރުމުގެ ކުރިންނާއި އަދި އިންސާނީ ޙައްޤެއް ނިގުޅައިގެންފިނަމަ އެފަދަ ފަރާތްތައް ޒިންމާދާރުކުރުވުމުގެ ގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ކުރިންވެސް ކޮމިޝަނުން އެކަމެއްގައި ދެކޭގޮތް އާންމު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މި ކޮމިޝަނަށް ލާޒިމް ކަމެއްކަން ސިޓީގައި ފާހަގަކޮށްފައިވާނެއެވެ.


މީގެ އިތުރުންވެސް 2013 އޮކްޓޯބަރ 19 ވަަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ހަމަޖެއްސި ރިޔާސީ އިންތިޚާބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހުއްޓުވާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް މި ކޮމިޝަނުން ދެކޭ އަންނަނިވި ސަބަބުތައް އެސިޓީގައި ފާހަގަކޮށްފައިވެއެވެ.


ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ






  • 19 އޮކްޓޯބަރު 2013 ގައި އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހުއްޓުވާފައިވާތީ އެއީ ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވޯޓުދިނުމުގެ ޙައްޤުން އެންމެހައި ދިވެހިރައްޔިތުން މަހުރޫމު ކުރީކަން.




  • މީގެ އިތުރުން ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ މަސްއޫލިއްޔަތުތަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ހުރަސްއަޅާފައިވާކަން ފާހަގަކަމާއި މިގޮތުން، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގައި އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭއަންނަނިވި ކަންކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން 2013 އޮކްޓޯބަރު 19 ވަނަ ދުވަހު އަމަލުކުރިގޮތުން ހުރަސްއަޅާފައިވާކަން:





(ހ) އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގުމަށް ކުރާންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހި ކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ކަށަވަރުކުރުން.


(ށ) ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓުތައް ނެގުމާއި އެ ވޯޓުތަކުގެ ނަތީޖާ އިއުލާންކުރުން.


އަދި، މަތީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް މޯލްޑިވްސް ޕޮލިސް ސާރިވިސްގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް އަދާ ކުރެވިފައިނުވާކަމާއި، މިކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ޤާނޫނީ ހައިސިއްޔަތު މޯލްޑިވްސް ޕޮލިސް ސާރިވިސްއިން 2013 އޮކްޓޯބަރ 19 ވަނަ ދުވަހު ނިގުޅައިގަނެފައިވާކަން.




  • ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 237 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތައް (ފުލުހުންނާއި ސިފައިން ހިމެނޭގޮތަށް) އެފަރާތްތަކުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަންނަނިވިފަދައިން ބަޔާންކޮށްފައިވާކަމާއި ސަލާމަތީ ޚިދުމަތްތަކުން ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ރައްކާތެރިކޮށް، ސަރަހައްދުގެ ރައްކާތެރިކަން ދަމަހައްޓައި، ޤާނޫނުއަސާސީއާއި ދީމިޤްރާތީ މުއައްސަސާތައް ހިމާޔަތްކޮށް، ޤާނޫނު ދަމަހައްޓައި، ތަންފީޛުކޮށް އަމަންއަމާންކަން ދަމަހައްޓައި، އަދި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދޭންވާނެކަން ބަޔާންކޮށްފައިވުމާއި، އަދި ހަމަ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ)ގައި އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓު ނެގުމަށް ކުރާންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެ ކަންތައްތަކަށް މަގުފަހި ކުރުމާއި އަދި އިންތިޚާބުތަކާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާއްމު ވޯޓުތަކުގެ ކަންތައްތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރު ދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭ ގޮތަށްކަން ބަޔާންކޮށްފައިވާއިރު، މި މާއްދާގައި ބަޔާންކޮށްފައި މިވާފަދަ ތަޅާފޮޅުމެއް، އިންތިޚާބަކާއި ގުޅިގެން ހިނގި ކަމުގައި ވީނަމަވެސް، މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެކަމެއް ހުއްޓުވަން ވާނީ،އިލެކްޝަންސް ކޮމިޝަންގެ ލަފައާއި މަޝްވަރާގެ މަތިންކަމާއި އިންތިޚާބަކާ ގުޅިގެން ކުރިމަތިވާ މިފަދަ ކަމެއްގައި މިދެންނެވުނު ހުދޫދުގެ ބޭރުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އަމަލު ކުރެވިދާނެކަމަށް މިކޮމިޝަނަށް ގަބޫލެއް ނުކުރާކަން.






2008/5 (ފުލުހުންގެ ޤާނޫނު) އާއި ޚިލާފުވާ ކަންކަން






  • ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 7ވަނަ މާއްދާގައި ފުލުހުންގެ ވާޖިބުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، މި މާއްދާގެ 2 ވަނަ ނުކުތާގައި ފުލުހުންގެ ދައުރު އަދާ ކުރުމުގައި ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ އެޙައްޤުތައް ހިމާޔަތްކުރަންވާނޭކަން ބަޔާންކޮށްފައިވީހިނދު، 2013 އޮކްޓޯބަރު 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދިޔަ އިންތިޚާބުގެ މަސައްކަތް ހުއްޓުވުމަކީ ރައްޔިތުންގެ ވޯޓުލުމުގެ އަސާސީ ޙައްޤަށް ހުރަސްއެޅުން ކަމުގައި މި ކޮމިޝަނުން ދެކޭކަން





  • މޯލްޑިވްސް ޕޮލިސް ސާރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ބާރާއި އިޚްތިޔާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ފުލުހުންގެ ދައުރަށް ނިސްބަތްވާ އެހެން ޤާނޫނުތަކާއި ގަވާއިދުތަކާ، ޤާނޫނީ ނުވަތަ ޝަރުޢީ އަމުރުތަކުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ކަމަށް ފުލުހުންގެ ޤާނޫނުގެ 13 ވަނަ މާއްދާގައި ކަނޑައަޅާފައިވީއިރު، 2013 އޮކްޓޯބަރު 19 ވަނަ ދުވަހު ފުލުހުން އަމަލު ކޮށްފައިވަނީ މިދެންނެވުނު ޤާނޫނީ ހުދޫދުގެ ބޭރުން އިންތިޚާބު ހުއްޓުވުމަށް ކޯޓު އަމުރެއް ނެތިކަން




  • މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެދުވަހު އަމަލު ކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާއަށް ރިޢާޔަތްކޮށް އެ ޤަޟިއްޔާގެ ދަށުން ކަނޑައަޅާފައިވާ ގައިޑްލައިންގެ 5 ވަނަ ނުކުތާއާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާތީ ކަމަށް ފުލުހުން ދެއްވި ޕްރެސް ކޮންފެރެންސްގައި ވިދާޅުވެފައިވީނަމަވެސް، އެ ގައިޑްލައިންގެ 5 ވަނަ ނުކުތާގައި ކަނޑައެޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށް އެއްވެސް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރު ކޮށްފައިނުވާއިރު، އިސްވެ ދެންނެވުނު ސުޕްރީމް ކޯޓުގެ ގައިޑްލައިނާއި ފުލުހުން ޚިލާފުވީކަމަށް މި ކޮމިޝަނުން ޤަބޫލު ކުރާކަން.






އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނާއި ޚިލާފުވާ ކަންކަން






  • ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޤާނޫނު)ގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި މި ޤާނޫނަކީ ޤާނޫނުއަސާސިއާއި އެންމެހައި ޤަނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ހިންގައި ބަލަހައްޓާންޖެހޭ އެންމެހައި އިންތިހާބުތަކާބެހޭ އާއްމު އުސޫލުތަކާބެހޭ ކަންކަން ކަނޑައަޅާ ބަޔާންކުރާ ޤާނޫނުކަމަށް ވީހިނދު މި ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން މި ޤާނޫނުގެ މަގްސަދަކީ ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ދީމިޤްރާތީ އަސާސްތަކުގެ މައްޗަށް ބިނާކޮށް ސީދާ ރައްޔިތުންގެ ބައިވެރިވުން އޮންނަ މިނިވަން އިންސާފުވެރި ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތެއްގެ މަތިން ބާއްވާ އިންތިހާބުތަކެއްކަން ޔަގީންކުރުމަށްޓަކައި އެފަދަ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ޤާނޫނީ އޮނިގަނޑެއް ބިނާކުރުން ކަމަށް ވުމާއިއެކު މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބުނާ ގޮތުގައި އިންތިޚާބާބެހޭ އެންމެހައި ކަންތައްތައް ހިންގާ ބަލަހައްޓާނީ އިލެކްޝަންސް ކޮމިޝަނުންކަމަށް ކަނޑައަޅާފައިވީއިރު، މި ޤާނޫނުގެ އެއްވެސް މާއްދާއެއްގައި އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތަށް އެހެން އެއްވެސް މުއައްސަސާއެއްގެ ނުފޫޒާއި ބާރު ފޯރުވުމުގެ ފުރުސަތު ލިއްބައިދޭ ފަދަ މާއްދާއެއް ނުވާތީ މިޤާނޫނުގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ އިންތިޚާބަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން 19 އޮކްޓޯބަރު 2013 ވަނަ ދުވަހު ހުއްޓުވާފައިވަނީ މި ޤާނޫނާއި ޚިލާފަށް ޤާނޫނުއަސާސީން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދޭ މުސްތަޤިއްލުކަން ގެއްލޭ ގޮތަށްކަން.







މޯލްޑިވްސް ޕޮލިސް ސާރވިސް އާއި އިލެކްޝަންސް ކޮމިޝަނާ ދެމެދު ވެވިފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އާއި ޚިލާފުވާ ކަންކަން






  • 19 އޮކްޓޯބަރު 2013 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވުމަށް މަސައްކަތް ކުރި އިންތިޚާބު ހުއްޓުވުމަކީ އިލެކްޝަންސް ކޮމިޝަނާއެކު ރިޔާސީ އިންތިޚާބު ބޭއްވުމަށް އެހީތެރިވުމަށް 3 ސެޕްޓެމްބަރު 3201 ވަނަ ދުވަހު ވެފައިވާ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް އޯ ޔޫ) އާއި ޚިލާފަށް ކޮށްފައިވާ ކަމެއްކަން.





  • މިގޮތުން މި އެމް އޯ ޔޫ ގައި ޖުމްލަ ގޮތެއްގައި އެއްބަސްވެފައިވާ މައިގަނޑު ކަމަކީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް، ކޮމިޝަނުން އެދިއްޖެ ހިނދެއްގައި ސެކިއުރިޓީ ފޯރުކޮށްދިނުމާއިއެކު، މި އެމްއޯޔޫގައި އިލެކްޝަން ކޮމިޝަނާއި ގުޅޭ ގޮތުން ފުލުހުންގެ ދައުރު ބަޔާންކޮށްފައިވަނީ އިލެކްޝަން ކޮމިޝަންގެ ލަފާގެ މަތިން މި އިންތިޙާބުގެ ކަންކަމުގެ ސެކިއުރިޓީ ބެލެހެއްޓުންކަމަށް ވީހިނދު މިއެމްއޯޔޫގެ ދަށުން އެއްބަސްވެފައިވާ 6 ކަމެއްގެ ތެރެއިން 2 ކަމަކަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚިލާފުވެފައިވާކަން. އެގޮތުން؛







  1. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމުގެ ކުރީގެ މަރުހަލާގައާއި ވޯޓު ނެގުމުގެ މަރުހަލާގައި ވޯޓުލުމަށްޓަކައި ތައްޔާރު ކުރެވުނު ވޯޓު ފޮށިތަކާއި ވޯޓު ކަރުދާހާއި އެކަމަށްޓަކައި ބޭނުންކުރާ އެހެނިހެން ލިޔެކިޔުންތައް ބެހެއްޓިފައިވާ ތަންތަނުގައި އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ ހިނދެއްގައި އެއިރެއްގެ ހާލަތަށް ރިޢާޔަތްކޮށް ސެކިއުރިޓީ ބެލެހެއްޓުން.





  2. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމުގެ ކުރީގެ މަރުހަލާގައާއި ވޯޓު ނެގުމުގެ މަރުހަލާގައި އަދި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކޮށް ރިޔާސީ އިންތިހާބުގެ އެންމެހައި ކަންކަން ނިމިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ އިދާރާއަށް އެއްވެސް ފަރާތަކުން ގެއްލުމެއް ދޭތޯ ބަލައި، އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އެއިދާރާއަށް އެއްވެސް ފަރާތަކުން ގެއްލުމެއް ދޭންއުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ ވަގުތުން އެކަމަށް އަޅަންޖެހޭ ފިޔަވަޅުއެޅުން.





މި މާއްދާއަށް ރިއާޔަތް ކުރުމުން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ލިބިދީފައިވާ ބާރަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެ އިދާރާއަށް އެއްވެސް ފަރާތަކުން ގެއްލުމެއް ދީފިނަމަ ނުވަތަ ދޭން އުޅޭ ކަމުގައި ވަނީ ނަމަ، ހިމާޔަތް ދިިނުންކަމަށްވާއިިރު އެއްވެސް ހާލެއްގައި އިލެކްޝަންސް ކޮމިޝަނުން ކުރަން އުޅޭ ކަމެއް ހުއްޓުވުމުގެ ބާރު ފުލުހުންނަށް މި މާއްދާގެ ދަށުން ލިބިދީފައިނުވާކަން.




ސުޕްރީމް ކޯޓްގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގައިޑްލައިންގެ ދަށުން ކަމުގައިބުނެ، ފުލުހުން އިލެކްޝަންސް ކޮމިޝަންގެ ވާޖިބަށް ހުރަސް އެޅުން







  • 19 އޮކްޓޯބަރު 2013 ވަނަ ދުވަހު ފުލުހުން ދެއްވާފައިވާ ޕްރެސް ކޮންފެރެންސްގައި އިންތިޚާބަށް ހުރަސް އެޅުމުގެ ސަބަބު ކަމަށް ފާހަގަކޮށްފައިވާ ގައިޑްލައިންގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށްޓަކައި ހަމަޖެއްސޭ އިންތިޚާބީ ހުރިހާ ދާއިރާއެއްގައިވެސް ވޯޓުލެވެނީ ވޯޓުލާ މީހާގެ ނަމާއި ދާއިމީ އެޑްރެހާއި އައިޑެންޓިޓީ ކާޑުގެ ނަންބަރު ހިމެނިފައިވާ އަދި އިލެކްޝަންސް ކޮމިޝަނާއި ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންގެ މަންދޫބުން ޞައްޙަކަމަށް އެއްބަސްވެ، ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެންމެ ފަހުގެ ލިސްޓަށްކަމާއި، އެނޫން އެހެން ލިސްޓެއް ރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގައިވިޔަސް ވޯޓުލެވޭ އެއްވެސް ދާއިރާއެއްގައި ބޭނުން ނުކުރެވޭކަން ކަށަވަރުކުރުމެވެ. ވީމާ، މި މާއްދާގައި ކަނޑައެޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސްއަށް އިންތިޚާބު ހުއްޓުވުމަށްޓަކައި ވަކި ކަމެއް ކުރަން ސުޕްރީމް ކޯޓުން އަންގާފައި ނެތްކަން.





  • މި ގައިޑްލައިންގެ ފުރަތަމަ ޕޮއިންޓްގައި، މި ޤަޟިިއްޔާގައި ދީފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނާއި ދައުލަތުގެ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުން. މިފަދައިން ބަޔާންކޮށްފައިވީހިނދުު، މި ނުކުތާއިން ބާރު އަޅަނީ އިންތިޚާބެއް އިސްވެ ދެންނެވުނު ތާރީޚުގެ ކުރިން ބޭއްވުމަށް ދައުލަތުގެ އެހެން މުއައްސަސާތަކުން އިލެކްޝަންސް ކޮމިޝަނަށް އެއްބާރުލުން ދިނުމަށްކަމަށް މާނަކުރެވޭއިރު، 19 އޮކްޓޯބަރު 2013 ވަނަ ދުވަހު ފުލުހުން އިންތިޚާބު ބޭއްވުމަށް އެއްބާރުލުން ނުދީ ހުރަސް އެޅުމުން މި ގައިޑްލައިންގެ މި ނުކުތާއާއި ޚިލާފްވީކަން.





  • ޝަރުޢީ ކޯޓަކުން މުއައްސަސާއެއްގެ މައްޗަށް ވަކި ކަމެއް ކުރުމަށް ލާޒިމު ކުރުމުން، އެހެން ފަރާތަކަށް ނުވަތަ މުއައްސަސާއަކަށް އެކަމެއް ހުއްޓުވުމުގެ ޤާނޫނީ ބާރެއް ލިބިގެންނުވާކަމާއި، އަދި އެކަމެއް ހުއްޓުވޭނީ ހަމައެކަނި ކޯޓު އަމުރެއްގެ ދަށުން ކަމުގައިވީތީ، ފުލުހުން އިންތިޚާބު ބޭއްވުމަށް ހުރަސް އެޅުމަކީ ޝަރުޢީ ދާއިރާގެ ބޭރުން ކޮށްފައިވާ ކަމެއްކަން. ހަމަ މިގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން އުފެދުނު މައްސަލައިގައި ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-VA-J/02 އަމުރުން ވަނީ ޕްރެސިޑެންޓެއް ޤާއިމްކޮށް، އެ އަމުރާއި ޚިލާފްވާ ފަރާތްތައް ހުއްޓުވުމަށް އެއަމުރުގައި ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާކަމާއި އަދި ހަމަ އެ އަމުރުގައި ސަލާމަތީ ބާރުތަކަށް މުޚާތަބުކޮށް އެފަރާތުގެ މައްޗަށް އަމުރުނެރެފައިވާކަންވެސް ހާމަވާކަމާއި ނަމަވެސް، ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-C/42 ޤަޟިއްޔާގެ ގައިޑްލައިންގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށް ވަކިން ޚާއްޞަކޮށް އެއްވެސް ކަމެއް ކުރުމަށް އަންގާފައިނުވާކަން.





  • މި ޤަޟިއްޔާގެ ދަށުން ކަނޑައަޅާފައިވާ ގައިޑްލައިންގައި އިލެކްޝަންސް ކޮމިޝަން ފިޔަވައި އެހެން މުއައްސަސާއަކަށް ޚާއްސަ ވެގެން ވަކި ކަމެއް ކުރުމަށް ލާޒިމްކޮށްފައިވާނަމަ، އެ މުއައްސަސާއެއް ކަނޑައެޅިގެން އެ ނުކުތާގައި އެމުއައްސަސާއަކަށް ހަވާލު ކުރެވޭ ޒިންމާއާއެކު ސާފުކޮށް ބަޔާންކޮށްފައިވާކަމާއި (މިގޮތުން، މި ގައިޑްލައިންގެ 16 ވަނަ ނުކުތާގައި އެންސީއައިޓީގެ މައްޗަށް ވަކި ކަންތައްތަކެއް ކުރުމަށް ލާޒިމް ކޮށްފައިވުން) ފުލުހުން ދެއްވި ޕްރެސް ކޮންފެރެންސްގައި އިލެކްޝަންސް ކޮމިޝަނުން މި ގައިޑްލައިންގެ ނުކުތާތަކުގެ ތެރެއިން ޚިލާފްވިކަމަށްބުނާ، 5 ވަނަ ނުކުތާއާއި ގުޅިގެން ފުލުހުން އަދާކުރަންޖެހޭ އެއްވެސް ދައުރެއް ނެތްކަން.