Human Rights Commission of the Maldives

ނޫސްބަޔާން ނަމްބަރު: PR - 16/2013


05-10-2013ތާރީޙް: މިރޭ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ފަރާތުން މާލޭގެ އެކިސަރަހައްދުތަކުގައި ކުރަމުންދާ އިހްތިޖާޖްގެ ތެރޭއިން، ޗާންދަނީމަގު ދިރާގު ކަންމަތީގައި އެއްވެތިބި ބައެއް ފަރާތްތަކުން ސުލްހަވެރިނޫން ގޮތްގޮތަށް ލަކުޑިބުރި ގެންގުޅެ ޤާނޫނާއި ހިލާފު އަމަލުތައް ހިންގާފައިވާކަން މިކޮމިޝަނުން މޮނިޓަރ ކުރުމުގައިވަނީ ފާހަގަ ކުރެވިފައެވެ. އެހެންކަމުން މިއަމަލުތައް ކުށްވެރިކޮށް އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ޙައްޤު ސުލްހަވެރިކަމާއިއެކު ބޭނުން ކުރެއްވުމަށް މިކޮމިޝަނުން ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. އަދި އިހްތިޖާޖް ކުރާފަރާތްތަކުން ޤައުމުގެ އަމާން ބަލަހައްޓާ ފަރާތްތަކުގެ ވާޖިބަށް ހުރަސް ނޭޅުމަށާއި އަދި ފުލުހުންވެސް މުޒާހަރާތައް މައިތިރިކުރުމުގައި ޤާނޫނުގެ އިމުގެތެރެއިން ބާރުގެ ބޭނުންކުރުމަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ.


މާލެތެރޭގައި އިހްތިޖާޖްކުރާ ފަރާތްތަކުގެ އަޑުގަދަވުމުގެ ސަބަބުން، ޖީސީއީ އޯލެވެލް އިމްތިހާނަށް ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް އުނދަގޫވާ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ދަނީ މިކޮމިޝަނަށް ހުށަހަޅަމުންނެވެ. ވީމާ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކިޔަވަމުންދާ ދަރިވަރުންގެ އުނގެނުމުގެ ޙައްޤަށް ބުރުނާރާނޭ ގޮތެއްގެމަތިން ހުރިހާ ފަރާތްތަކުންވެސް އަމަލުކުރުމަށް މިކޮމިޝަނުން ގޮވާލަމެވެ.