ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން ފަށާފައިވާ ނޭޝަނަލް އިންކުއަރީގެ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތައް ފަށައިފި


01-07-2013ތާރީޙް: 

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ މިންވަރު ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަނުން 2012ވަނަ އަހަރު ފަށައިފައިވާ "ނޭޝަނަލް އިންކުއަރީ އޮން އެކްސަސް ޓު އެޑިޔުކޭޝަން ފޮ ޗިލްޑރަން ވިތް ޑިސްއެބިލިޓީޒް" ގެ އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތައް މިއަދު ށ އަތޮޅުގައި ފަށައިފިއެވެ.



މިއަޑުއެހުންތައް އިފްތިތާޙް ކުރުމަށްޓަކައި ށ.ފުނަދޫގައި މިއަދުވަނީ ޙަފްލާއެއް ބާއްވާފައެވެ. މިޙަފްލާއަށް ކަމާގުޅުންހުރި ސަރުކާރުގެ އޮފީސްތަކާއި އަދި އަމިއްލަ ޖަމިއްޔާތަކުގެ އިސްބޭފުޅުންވަނީ ބައިވެރިވެޑައިގަންނަވާފައެވެ. މިގޮތުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްއާއި، ނައިބު ރައީސްއާއި އަދި އިތުރު މެމްބަރުންނާއި ސެކްރެޓަރީ ޖެނެރަލާއި، ބައްދަލުވުމުގެ ޝަރަފްވެރި މެހެމާން މިނިސްޓަރ ފޮރ ސްޓޭޓް ފޯ ހެލްތް އަލްފާޟިލް ޢަލީ ޝަރީފް މުޙައްމަދުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ޑިސްއެބިލިޓީ ކައުންސިލް ގެ ރައީސް އަދި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ އަލްފާޟިލް އަޙްމަދު އާޠިފު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން، އަޑުއެހުންތައް ހިނގަމުންދާ ވަގުތު މީޑިއާއިން ކަވަރކުރުމަށްޓާކައި މީޑިއާގެ ފަރާތްތަކުންވެސްވަނީ މިދަތުރުގައި ކޮމިޝަންގެ ޓީމާއެކު ށ އަތޮޅަށް ޒިޔާރަތްކޮށްފައެވެ.



ށ އަތޮޅުގައި ހުޅުވާލައިގެން ބާއްވާ އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށްޓަކައި ކޮމިޝަންގެ ޓީމްތައް ށ. އަތޮޅު ފުނަދޫއާއި ކޮމަންޑޫގައި ހަރަކާތްތެރިވާނެއެވެ. މިގޮތުން، 01 ޖުލައިގައި އަޑުއެހުންތައް ކުރިއަށްދާނީ ށ. ފުނަދޫގައެވެ. އަދި 03 ޖުލައިގައި ށ. ކޮމަންޑޫގައި އަޑުއެހުންތައް ކުރިއަށް ދާނެއެވެ.



ނޭޝަނަލް އިންކުއަރީ ހިންގުމުގެ މައިގަނޑު މަޤުސަދަަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުނގެނުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ތަނަވަސްކޮށްދީފައިވާ މިންވަރުގެ މަޢުލޫމާތު އާންމުންނާއި، ބެލެނިވެރީންނާއި، ކުދީންނާއި، ކަމާގުޅުންހުރި މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކުންނާއި އަދި މިދާއިރާގެ ފަންނުވެރި މާހިރުންގެ ފަރާތުން ހޯދުމާއި، އަދި މިނިޒާމުގައި ހުރި އުނި ކަންތައްތައް ރަގަޅުކުރުމަށް ދައުލަތަށް ހުށަހެޅުންތައް ހުށަހަޅުމާއެކު މިކަންކަން ތަންފީޒުކުރުމަށް ބާރު އެޅުމެވެ.



"ނޭޝަނަލް އިންކުއަރީ އޮން އެކްސަސް ޓު އެޑިޔުކޭޝަން ފޮ ޗިލްޑރަން ވިތް ޑިސްއެބިލިޓީޒް" ގައި ހިމެނޭ ބައިތަކަކީ:


*  ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުސަތު އޮތްމިންވަރު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާ

*  އަޑުއެހުންތަކުގެ ކުރިން ކުރާ ދަތުރުތައް (ޕްރީ-ހިޔަރިންގ ވިޒިޓްތައް)

*  ލިޔުމުން ހުށަހަޅާ ބަޔާން

*  އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތައް

*  އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ހުށަހެޅުންތަކަކާއެކު ނޭޝަނަލް އިންކުއަރީ ރިޕޯޓް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން

*  ނޭޝަނަލް އިންކުއަރީ ރިޕޯޓްގައިވާ ހުށަހެޅުންތަކަށް އަމަލުކުރަމުން ދާ މިންވަރު ބަލައި އެކަންކަމަށް ބާރުއެޅުން (މޮނިޓަރިންގ)



އެއްއަހަރުދުވަހުގެ މުއްދަތަށް ކުރިއަށްދާ މިއިންކުއަރީ ހިންގުމަށް ހަމަޖެހިފައިވަނީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް ބަލައި އެއްކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ފާހަގަކުރެވޭ 11 އަތޮޅެއްގައެވެ. މިއަތޮޅުތަކަކީ ހއ. ހދ. ށ. ނ. ރ. ޅ. ކ. އދ. ގދ. ޏ އަދި ސ އަތޮޅެވެ.



ހުޅުވާލައިގެން ބައްވާ އަޑުއެހުންތަކުގެ 2ވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ނ އަތޮޅުގައެވެ.