ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޭޝަނަލް އިންކުއަރީއަށް މައުލޫމާތު އެއްކުރުމަށް މަދަނީ ޖަމިއްޔާތަކާއި ބައްދަލުކޮށްފި


31-01-2013ތާރީޙް: 

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ މިންވަރު ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އިން ފަށައިފައިވާ "ނޭޝަނަލް އިންކުއަރީ އޮން އެކްސަސް ޓު އެޑިޔުކޭޝަން ފޮ ޗިލްޑރަން ވިތް ޑިސްއެބިލިޓީޒް" ގެ މައުލޫމާތު ހިއްސާކޮށް މައުލޫމާތު އެއްކުރުމުގެ މަގުސަދުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޙައްޤުތައް ލިބިދިނުމަށާއި އެހީތެރިކަން ފޯރުކޮށްދޭ މަދަނީ ޖަމިއްޔާތަކާއިއެކު 30 ޖެނުއަރީ ވީ ބުދަދުވަހުވަނީ ބައްދަލުވުމެއް ބާއްވާފައެވެ.


މިބައްދަލުވުމުގައި ނޭޝަނަލް އިންކުއަރީއާ ގުޅޭގޮތުން ހަދާފައިވާ ވީޑިއޯ ޕްރެޒެންޓޭޝަން ބައިވެރިންނަށް ދެއްކުމަށްފަހު ނޭޝަނަލް އިންކުއަރީގެ މައުލޫމާތު ކޮމިޝަންގެ ނައިބް ރައީސް އަހުމަދު ތޮލާލް ދެއްވިއެވެ.



ބައްދަލުވުމުގައި މަޝްވަރާކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޙައްޤުތައް ލިބިދިނުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި މިޖަމިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާއި، ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމް ލިބުމުގެ ފުރުޞަތު ހަނިވެފައިވާ މިންވަރާ ސަބަބުތަކާއިމެދު ވާހަކަދެކެވުނެވެ. މިގޮތުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ފަރާތުން މިޖަމިއްޔާތަކަށް އައިސްފައިވާ ބައެއް ޝަކުވާތައް ކޮމިޝަނާއި ހިއްސާ ކުރެއްވިއެވެ. މިޖަމިއްޔާތަކުން ފާހަގަކުރެއްވިގޮތުގައި މިއަދާހަމައަށްވެސް ރާއްޖޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޮއްދޭ ކަންތައްތަކަކީ ޗެރިޓީއަށް މަސައްކަތްކުރާ އުސޫލުން ކުރަންޖެހޭނެ ކަންކަމުގައި މުޖުތަމައުން ދެކޭހިނދު މިފަދަ ކުދިންނަށް ހުރިހާ ޙައްޤުތައް ލިބިގެންވާނެކަމަށް ބައެއް ފަރާތްތަކުން ނުދެކޭކަމަށްވެސް ވެއެވެ.



މިބައްދަލުވުމުގައި ޖުމްލަ 7 ޖަމިއްޔާއަކުން 9 ބޭފުޅަކު ބައިވެރިވެވަޑައިގެންނެވިއެވެ. މިޖަމިއްޔާތަކުގެ ތެރޭގައި މޯލްޑިވްސް އޯޓިސަމް އެސޯސިއޭޝަނާއި، އެސޯސިއޭޝަން ފޯ ޑިސޭބިލިޓީ އެންޑް ޑިވެލޮޕްމަންޓާއި، ޑިމޮކުރަސީ ހައުސާއި، ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަންއާއި ކެއަރ ސޮސައިޓީއާއި، ބުލައިންޑް އެސޯސިއޭޝަން ހިމެނެއެވެ.