Human Rights Commission of the Maldives

ހިއުމަން ރައިޓްސް ކޮމިޝަނުން ފަށާފައިވާ ނޭޝަނަލް އިންކުއަރީގެ މާލޭގެ ސެޝަންތައް ފަށައިފި


20-01-2013ތާރީޙް: 
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުނގެނުމުގެ ފުރުޞަތު ތަނަވަސްކޮށްދީފައިވާ މިންވަރު ބެލުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އިން ފަށައިފައިވާ "ނޭޝަނަލް އިންކުއަރީ އޮން އެކްސަސް ޓު އެޑިޔުކޭޝަން ފޮ ޗިލްޑރަން ވިތް ޑިސްއެބިލިޓީޒް" ގެ މާލޭގެ ޕްރީ-ހިޔަރިންގ މަޢުލޫމާތު ސެޝަންތައް 16 ޖެނުއަރީ 2013 ވީ ބުދާދުވަހުން ފެށިގެން 31 ޖެނުއަރީ 2013ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. 16 ޖެނުއަރީ ފެށިގެމް އަދާހަމައަށް، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއެކު މިއިންކުއަރީގެ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. މީގެ އިތުރުން، މިރޭ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ޢާއްމުންނަށް ހުޅުވާލައިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރައަށް ދާނެއެވެ.މި އިންކުއަރީ ހިންގުމުގެ މައިގަނޑު މަޤުސަދަަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުނގެނުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ތަނަވަސްކޮށްދީފައިވާ މިންވަރުގެ މަޢުލޫމާތު އާންމުންނާއި، ބެލެނިވެރީންނާއި، ކުދީންނާއި، ކަމާގުޅުންހުރި މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކުންނާއި އަދި މިދާއިރާގެ ފަންނުވެރި މާހިރުންގެ ފަރާތުން ހޯދުމާއި، އަދި މިނިޒާމުގައިހުރި އުނި ކަންތައްތައް ރަގަޅުކުރުމަށް ދައުލަތަށް ހުށަހެޅުންތައް ހުށަހަޅުމާއެކު މިކަންކަން ތަންފީޒުކުރުމަށް ބާރު އެޅުމެވެ.


ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި އަދި މާލެއާއި އަތޮޅުތަކުގެ މަދަނީ ޖަމިއްޔާތަކާއެކު މިއިންކުއެރީއާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ކޮމިޝަނުންވަނީ ފަށައި، އަތޮޅުތަކުގެ ހުރިހާ ޕްރީ-ހިޔަރިންގ މަޢުލޫމާތު ސެޝަންތައް ބާއްވާ ނިންމާފައެވެ.    "ނޭޝަނަލް އިންކުއަރީ އޮން އެކްސަސް ޓު އެޑިޔުކޭޝަން ފޮ ޗިލްޑރަން ވިތް ޑިސްއެބިލިޓީޒް" ގައި ހިމެނޭ ބައިތަކަކީ:
  • ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުސަތު އޮތްމިންވަރު ދެނެގަތުމުގެ ގޮތުން ކުރާ ދިރާސާ

  • އަޑުއެހުންތަކުގެ ކުރިން ކުރާ ދަތުރުތައް (ޕްރީ-ހިޔަރިންގ ވިޒިޓްތައް)

  • ލިޔުމުން ހުށަހަޅާ ބަޔާން

  • އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތައް

  • އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ހުށަހެޅުންތަކަކާއެކު ނޭޝަނަލް އިންކުއަރީ ރިޕޯޓް އެކުލަވާލައި، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން

  • ނޭޝަނަލް އިންކުއަރީ ރިޕޯޓްގައިވާ ހުށަހެޅުންތަކަށް އަމަލުކުރަމުން ދާ މިންވަރު ބަލައި އެކަންކަމަށް ބާރުއެޅުން (މޮނިޓަރިންގ)

އެއްއަހަރުދުވަހުގެ މުއްދަތަށް ކުރިއަށްދާ މިއިންކުއަރީ ހިންގުމަށް ހަމަޖެހިފައިވަނީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުނާއި އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް ބަލައި އެއްކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ފާހަގަކުރެވޭ 11 އަތޮޅެއްގައެވެ. މިއަތޮޅުތަކަކީ ހއ. ހދ. ށ. ނ. ރ. ޅ. ކ. އދ. ގދ. ޏ އަދި ސ އަތޮޅެވެ.