ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ބިދޭސީ މަސައްކަތްތެރީންގެ ދުވަސް 2012


18-12-2012ތާރީޙް: 

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ބިދޭސީ މަސައްކަތްތެރީންގެ ދުވަސް އަދު ފާހަގަކުރާއިރު، އެމީހުން މަސައްކަތްކުރަމުންދާ ޤައުމުތަކުގެ އިޤްތިސާދުގައި އެމީހުން ޙިއްސާވާ މިންވަރުގެ އަގުވަޒަންކުރުމާއެކު، ބިދޭސީ މަސައްކަތްތެރީންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށް އިޙްތިރާމުކޮށް، އެކަންކަން ކަށަވަރުކޮށްދިނުމަކީ ހަމަ ކޮންމެހެން ކުރާންޖެހޭނެ ކަމެކެވެ. ދިވެހިރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައާއި ގާތްކުރާ ޢަދަދަކަށް މިގައުމުގައި ބިދޭސީ މަސައްކަތްތެރީން އުޅޭ ހިނދު،ޤައުމުގެ އިޤްތިސާދީ ތަރައްޤީގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިކަމުގައި ވީނަމަވެސް، ޤައުމުގެ ތަރައްޤީގައި، ޚާއްސަކޮށް ރާއްޖޭގައި އެންމެ ކުރިއަރާފައިވާ ދެ ސިނާއަތްކަމުގައިވާ ގެދޮރު ބިނާ ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާގައި އެފަރާތްތައް ޙިއްސާވާ މިންވަރު ފެންނަމުންދާކަމީ އަދުގެ ޙަޤީޤަތެވެ.އެހެންނަމަވެސް ހިތާމައަކީ، ޤައުމުގެ އިޤްތިސާދީ ތަރައްޤީ އެބައެއްގެ މައްޗަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ބިދޭސީ މަސައްކަތްތެރިންނާމެދު ދިވެހިރާއްޖޭގައި ކަންކަން ކުރެވެމުން އަދި ވަމުންދާ އިހާނެތި ގޮތްތަކެވެ. މިގޮތުން، ޙައްޤުވާ އުޖޫރަ ނުދިނުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށުދަރަޖައިގެ ތަންތަނުގައި އެމީހުން ގެންގުޅުމާއި، ބަރާބަރަށް ބަނޑުފުރާ މުއްތިކުރާނޭ ގޮތް ފަހިކޮށް ނުދިނުމާއި، އަރާމުކުރާނޭ ވަގުތު ނުދިނުމާއި، ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އަނިޔާވެރިވުމާއި، އެމީހުންނަކީ އިންސާނުންކަމުގައި ނުދެކުމާއި އަދި މިނޫންވެސް އެމީހުންނާމެދު ހިންގޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، އޮޅުވައިލައިގެން، މަކަރާއި ހީލަތުން، ބިރުދައްކައިގެން ނުވަތަ އެނޫންވެސް ގޮތަކަށް ތިމާމެންގެ އަމިއްލަ ފައިދާއަށްޓަކައި ހިންގާ 'ހިއުމަން ޓްރެފިކިންގ' ގެ އަމަލުތަކަކީ ދިވެހިރާއްޖޭގައިވެސް މިލިއަނުން އަގު ކުރެވޭ ވިޔަފާރިއެއްކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.ބިދޭސީ މަސައްކަތްތެރީން މެދުވެރިކޮށް ހިންގާ ހަށިވިއްކުން ފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލުތަކަކީ ދިވެހިންގެ ރިވެތި ސަޤާފަތާއި އާދަކާދައާއި އަދި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކާވެސް މުޅިން ޚިލާފު އަމަލުތަކަކަށް ވުމުގެ އިތުރުން، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި ޤަވާއިދުތަކާވެސް ޚިލާފުކަންކަމެވެ. މިފަދައިން އޮޅުވާލައިގެން މަސައްކަތްކުރުވުމާއި، ޙައްޤު އުޖޫރަ ނުދިނުމާއި، އަނިޔާވެރިވުމުގެ ސަބަބުން އެމީހުންނަށް ކުށްތަކަށް އަރައިގަތުމުގެ މަގު ފަހިވެގެންދެއެވެ. ނަތީޖާއަކަށް ވެގެންދަނީ ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީރާނާވެ، މުޖުތަމަޢުގެ އަގުތައް ނެތިވެ، ފަރުދީ އަޚްލާޤާއި ސުލޫކުގެ މިންތައް ދުވަހެއް ދުވަހަކަށް ދަށަށް ދިޔުމެވެ. ޤައުމުގެ ޅަފުރައިގެ ޖީލުތަކުގެ އުޅުމަށާއި ދިރިއުޅުމަށް އަސަރު ފޯރުމެވެ.ހިއުމަން ޓްރެފިކިންގގެ އަމަލުތައް ދިވެހިރާއްޖެގައި އިތުރުވެގެން ދިއުމުގެ ސަބަބުން ބޭރު ގައުމުތަކުންނާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ނަޒަރު ދިވެހިރާއްޖެއަށް މިވަނީ ހުއްޓިފައެވެ. އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ހިއުމަން ޓްރެފިކިންގގެ ވޮޗް ލިސްޓުގެ ދެވަނަ ޓިއަރއަށް ދިވެހިރާއްޖެ މިއަދު މިވަނީ ވެއްޓިފައެވެ. ބޭރުމީހުންނަށް ކަމޭހިތުމާއި މެހުމާންދާރީ އަދާކުރުމުގެ ރިވެތި ސަޤާފަތަކާއި އާދަކާދަތަކެއް އޮންނަ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ މަޝްހޫރުވެފައިވާ ތަސައްވުރު މިކަމުގެ ސަބަބުން ކިލަނބުވެގެންދާކަން އެއީ މުޅި ދިވެހި އުންމަތް ހިތާމާކުރާންޖެހޭ ކަމެކެވެ. އަދި މި ވޮޗްލިސްޓުގެ ތިން ވަނަ ޓިއަރއަށް ރާއްޖެ ވެއްޓިއްޖެނަމަ، ބޭރުގެ އެކި ގައުމުތަކާއި ޖަމާއަތްތަކުން ދިވެހިރާއްޖެއަށް ދެމުންދާ ތަފާތު އެހީތަކަށް ބުރޫ އަރާނެކަން ކަށަވަރެވެ.ދުނިޔޭގެ އިޤްތިސާދު ދައްވަމުންދާ މިފަދަ ދުވަސްވަރެއްގައި، ދައުލަތްތަކަށް ދިމާވާ އިޤްތިސާދީ ތަފާތު އެކި ދަތިތައް ތަހައްމަލުކޮށް، އެކަންކަމާ ގުޅިގެން ހިންގާ ޕްރޮގްރާމްތައް ހިންގުމުގައި ބިދޭސީ މަސައްކަތްތެރީންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް އުނިވެގެންދާ ފަދަ އަސަރުތައް ފެންނަމުނަދާކަން ފާހަގަކުރައްވައި، މިފަދަ ކަންކަން މިގޮތަށް ހިނގާއިރު، އިގްތިސާދުގެ މުހިންމު ސިނާއަތްތައް ބިދޭސީ މަސައްކަތްތެރިންނަށް ބަރޯސާވެފައިވާ މިންވަރާމެދު ވިސްނާލުން ބުއްދިވެރިކަމަށް އަދުގެ މުނާސަބަތުގައި އދގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވިދާޅުވެފައިވާކާން މިކޮމިޝަނުން ފާހަގަކޮށްލަމެވެ.އިންސާނީ ޙައްޤުތަކަކީ ވަކި ގައުމަކަށް، ވަކި ނަސްލަކަށް، ވަކި ކުލައަކަށް އަދި ވަކި ސަޤާފަތަކަށް ނިސްބަތްވީތީ ތަފާތު ކުރެވޭނެ ކަންކަމަށް ނުވާހިނދު، މިބާވަތުގެ އިންސާނިއްޔަތާ ޚިލާފް، ދަށުދަރަޖައިގެ އަމަލުތައް ހުއްޓުވުމަށް އެފަދަ ކުށްކުށަށް އަރައިގަންނަ ފަރާތްތައް ހޯދައި، ޤާނޫނީގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް މިކޮމިޝަނުން ގޮވާލަމެވެ. އަދި ހަމަ މިއާ އެކުއެކީގައި، ބިދޭސީ މަސައްކަތްތެރިންނާ އެބައިމީހުންގެ އާއިލާތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމާބެހޭ އދގެ މުއާހަދައިގައި ވީއެންމެ އަވަސް ފުރުޞަތެއްގައި ދިވެހި ދައުލަތުން ސޮއިކުރުމަށް އިލްތިމާސްކުރަމެވެ.