ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ހިއުމަން ރައިޓްސް ކޮމިޝަނުން ބާއްވާ ނޭޝަނަލް އިންކުއަރީގެ ދަތުރުތައް ފަށަނީ


22-11-2012ތާރީޙް: 

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިގެންވާ އުނގެނުމުގެ ޙައްޤާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) އިން ހިންގުމަށް ހަމަޖެހިފައިވާ ނޭޝަނަލް އިންކުއަރީގެ ދަތުރުތައް 24 ނޮވެމްބަރު 2012 ވާ ހޮނިހިރު ދުވަހު ފަށާނެއެވެ. އަންނަ ހަފުތާގައި ތިން އަތޮޅެއްގައި ކޮމިޝަނުންގެ ޓީމްތައް މަސައްކަތް ކުރަމުން ގެންދާނެއެވެ. މިގޮތުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުއްޓާއި ވައިކަރަދޫ، ޅ. ނައިފަރާއި ހިންނަވަރު އަދި ރ. ދުވާފަރާއި އުނގޫފާރަށެވެ.

މި އިންކުއަރީ ހިންގުމުގެ މައިގަނޑު މަޤުސަދަަކީ ދިވެހިރާއްޖޭގެ މުޅި ނިޒާމްގައި ހުރި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބެންވާ އުނގެނުމާއި ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު އާންމުންނާއި ކަމުގެ މާހިރުން ބައިވެރިކޮށްގެން ހޯދުމާއި އަދި މިނިޒާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤުތައް ނިގުޅައިގަނެވިފައިވާ ގޮތްތަކާއި މިންވަރު ތަހުޤީޤުކޮށް، މިނިޒާމުގައިހުރި އުނި ކަންތައްތައް ރަގަޅުކުރުމަށް ދައުލަތަށް ހުށަހެޅުންތަކެއް ހުށަހަޅާ، މިކަންކަން ތަންފީޒުކުރުމަށް ބާރު އެޅުމެވެ. މިގޮތުން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި އަދި މާލެއާއި އެކިއަތޮޅުތަކުގެ މަދަނީ ޖަމިއްޔާތަކާއެކު މިއިންކުއެރީއާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ. މިނޭޝަނަލް އިންކުއަރީގައި ހިމެނޭ ބައިތަކަކީ:

* ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުސަތު އޮތްމިންވަރު ދެނެގަތުމުގެ ގޮތުން ކުރާދިރާސާ
* އަޑުއެހުންތަކުގެ ކުރިން ކުރާ ދަތުރުތައް (ޕްރީވިޒިޓްސް)
* ލިޔުމުން ހުށަހަޅާ ބަޔާން
* އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުންތައް
* އެއްކުރެވޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ހުށަހެޅުނުން ތަކަކާއެކު ނޭޝަނަލް އިންކުއަރީ ރިޕޯޓް އެކުލަވާލައި ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން
* ނޭޝަނަލް އިންކުއަރީ ރިޕޯޓްގައި ވާ ހުށަހެޅުންތަކަށް އަމަލުކުރަމުން ދާ މިންވަރު ބަލައި އެކަމަށް ބާރުއެޅުން


އެއްއަހަރުދުވަހުގެ ނިޔަލަށް ކުރިއަށްދާ މިއިންކުއަރީ ހިންގުމަށް ހަމަޖެހިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރު ބެލުމަށް ފަހު ފާހަގަކުރެވޭ 11 އަތޮޅެއްގައެވެ. މިއަތޮޅުތަކަކީ ހއ. ހދ. ށ. ނ. ރ. ޅ. ކ. އދ. ގދ. ޏ އަދި ސ އަތޮޅުގައެވެ.