Human Rights Commission of the Maldives

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިގެންވާ އުނގެނުމުގެ ޙައްޤާއި ގުޅޭގޮތުން އެޗްއާރސީއެމް އިން ނޭޝަނަލް އިންކުއަރީއެއް ފަށައިފި


21-11-2012ތާރީޙް: ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބިގެންވާ އުނގެނުމުގެ ޙައްޤާއި ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް)އިން ނޭޝަނަލް އިންކުއަރީއެއް މިމަހުގެ 20 ވަނަދުވަހު ފަށައިފިއެވެ. މިނޭޝަނަލް އިންކުއަރީ އިފްތިތާޙްކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސެއިންނެވެ.

މިއިންކުއަރީ ހިންގުމުގެ މައިގަނޑު މަޤުސަދަތަކަކީ ދިވެހިރާއްޖޭގެ މުޅި ނިޒާމްގައި ހުރި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބެންވާ އުނގެނުމާއި ގުޅުންހުރި މައްސަލަތަކުގެ މަޢުލޫމާތު އާންމުންނާއި ކަމުގެ މާހިރުން ބައިވެރިކޮށްގެން ހޯދުމާއި އަދި މިނިޒާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤުތައް ނިގުޅައިގަނެވިފައިވާ ގޮތްތަކާއި މިންވަރު ތަހުޤީޤުކޮށް، މިނިޒާމުގައިހުރި އުނި ކަންތައްތައް ރަގަޅުކުރުމަށް ދައުލަތަށް ހުށަހެޅުންތަކެއް ހުށަހަޅާ، މިކަންކަން ތަންފީޒުކުރުމަށް ބާރު އެޅުމެވެ. މިގޮތުން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި އަދި މާލެއާއި އެކިއަތޮޅުތަކުގެ މަދަނީ ޖަމިއްޔާތަކާއެކު މިއިންކުއެރީއާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.

މިޖަލްސާގެ އިއްޒަތްތެރި މެހެމާނު އަލްފާޟިލާ އިލްހާމް ޙުސެއިން ދެއްކެވި ވާހަކަފުޅުގައި މިފަދަ ނޭޝަނަލް އިންކުއަރީއެއް ހިންގުމުގެ އެންމެ މުހިއްމު އަމާޒުތަކަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤު އެކުދިންނަށް ލިބުމުގައި ހުރަސްތަކެއް ކުރިމަތިވަނީ ކީއްވެތޯބަލުމެވެ. މިގޮތުން، އެއީ ސަޤާފީ ހުރަސްތަކަކާއި ހެދިތޯ ނުވަތަ މިފަދަކުދިންގެ އާއިލާތަކުން ހިތްވަރުދޭވަރު ކުޑަވުމުންތޯ ނުވަތަ ސަރުކާރުން މިފަދަ ކުދިންނަށް އުނގެނުމުގެ ޙައްޤު ހޯދުމުގެ ފުރުސަތުތައް ހަނިވުމުންތޯ ބެލުމެވެ. އަދި މިސުވާލުތަކަށް ޖަވާބު ހޯދުމުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކުން މިމައްސަލާގައި ކުރިއަށްދާންވިމަގު ސާފުވެގެން ދާނެކަމަށް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިންކުއެރީ އިފްތިތާޙްކުރުމުގެ ޖަލްސާގައި ކޮމިޝަންގެ ރައީސް މަރިޔަމް ޢަޛުރާ އަޙުމަދު ދެއްކެވި ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް އުނގެނުމުގެ ޙައްޤު ހަމަހަމަގޮތުގައި ލިބެނޭގޮތް ސަރުކާރުން ހަމަޖައްސަދޭންވާނެކަމަށް ފާހަގަކުރެއްވިއެވެ. އަދި މިހާރުގެ ހާލަތަށްބަލާއިރު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ޙައްޤު ހޯދައިދިނުމުގައި ޤާނޫނީ އަދި އިދާރީގޮތުން އިސްލާހުތަކެއް ގެންނަންހުރިކަމަށް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އަތޮޅުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް އެކަށިގެންވާ ނިޒާމެއް ޤާއިމްކުރެއިފައި ނުވާއިރު މާލޭގައި މިކުދިންނަށް ތައުލީމު ދެމުން ދިޔަ ނަމަވެސް އެކަށީގެންވާ ގޮތަށް ހިދުމަތް ނުލިބުމުގެ ސަބަބުން އެތައް ކުދިންނެއް އުނގެނުމުގެ ޙައްޤުން މަހުރޫމްވެފައިވާކަން ފާހަގަކުރެއްވިއެވެ.

މިހާރު ރާއްޖޭގައި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން)ގެ 10 ކްލާސްތައް ކުރިއަށްދާއިރު މީގެތެރިން މިކްލާސްތައް ނަގާދެވެނީ މާލޭގައި 2 ސްކޫލެއްގަޔާއި އަތޮޅުތަކުގައި 8 ސްކޫލެއްގައެވެ. އަދި 2009 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގޮތުގައި 2،250 ކުދިން ރާއްޖޭގައި ރަޖިސްޓްރީކުރެވިފައިވާއިރު މީގެތެރެއިން އުނގެނުމުގެ ޙައްޤު ލިބެވިފައިވަނީ އެންމެ 230 ކުދިންނަށެވެ.

އެއްއަހަރުދުވަހުގެ ނިޔަލަށް ކުރިއަށްދާ މިއިންކުއަރީ އިފްތިތާހްކުރުމުގެ ޖަލްސާ ކުރިއަށްދިޔައީ ދަރުބާރުގޭގެ ފާށަނާ މަލަމްގައެވެ.