ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-011/2012


01-03-2012ތާރީޙް: 

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާއާއިއެއްގޮތްވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން ހުށަހެޅުމާ ދެކޮޅަށް ކުރަމުން ގެންދިޔަ މުޒާހަރާ ގައި ބައެއް ފަރާތްތަކުން ޤާނޫނު އަސާސީ ގެ އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރުމުގައި ބައެއް ފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެ، މުޒާހަރާގައި އަމަން ބެލެހެއްޓުމަށް ޙަރަކާތްތެރިވި 4 ފުލުހަކަށް ބޮޑެތި އަނިޔާތައް ލިބި އިތުރު ފުލުހުންނަށް އެކިވަރުގެ އަނިޔާވެފައިވާތީ އެކަން ހަރުކަށި ޢިބަރާތުން ކުށްވެރިކޮށް މިފަދަ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށާއި މުޒާހަރާ ތަކާއި އެއްވުންތަކަކީ ޞުލްޙަވެރި ގޮތުގައި އަމާންކަމާއެކު ކުރެވޭ ކަމަކަށް ހެދުމަށް އިލްތިމާސް ކުރަމެވެ.

ދިވެހިރާއްޖޭގައި، ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް، އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޙިމާޔަތްކުރެވިފައިވާ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ތަބާވެ އިޙްތިރާމްކުރާ، ޒަމާނީ ޑިމޮކްރަޓިކް ވެއްޓެއް ޤާއިމްވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އުފެދިފައިވާ ބޮޑެތި މައްސަލަތައް ހައްލުކުމުގައި މަޝްވަރާގެ އުސޫލު އިސްކޮށް، އެއްބަޔަކު އަނެއް ބަޔެއްގެ މެދުގައި އިތުބާރު ޤާއިމްކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް އެންމެހާ ފަރާތްތަކުން އަމަލުތައް ބަހައްޓަން ޖެހެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކަކީ ޒަމާނީ ޑިމޮކްރަޓިކް މާޙައުލެއްގައި ބަލައިގަނެވޭނެ ކަހަލަ ކަމެއް ނޫންކަމަށާއި މަޖިލީހާއި، މަޖިލީހުގެ ރައީސާއި މެމްބަރުންގެ ކަރާމާތް ހިފެހެއްޓެވުމަކީ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބެލިކަމުގައި ވިޔަސް، ޤާނޫނުތައް ނެގެހެއްޓުމުގެ ނަޒަރުން ބެލިޔަސް، ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެންޖެހެއެވެ. ވީމާ ކުރިއަށް އޮތްތަނުގައި އަމަން އަމާންކަމާއި ސުލްޙަ މަސަލަސްކަމާއި މަޝްވަރާ އިސްކުރެވުމަކީ ވަރަށް މުހިންމު ކަމެކެވެ.

މި ފުރުސަތުގައި، އަމަން ބަލަހައްޓަވާ ފަރާތްތަކުން، ހާއްސަކޮށް ފުލުހުން އަމަން ބެލެހެއްޓެވުމުގައި މިއަދު އަމަލު ކުރައްވާފައިވާ ކެތްތެރިކަމާ، ޤާނޫނާ އެއްގޮތަށް ޢަމަލުތައް ބަހައްޓަވާފައިވާތީ އެކަން މިކޮމިޝަނުން ފާހަގަކޮށް ތަޢުރީފް ކުރަމެވެ.

މިފަދަ ހަލަބޮލި މާޙައުލުތަކުގައި، މީހުންނަށް އަނިޔާވެ އެކިފަރާތްތަކުގެ މުދަލަށާއި ތަކެއްޗަށް ގެއްލުން ވަމުން ދާތީ މީގެ ކުރިންވެސް މިކޮމިޝަނުން ކަންބޮޑުވުން ފައުޅުކޮށްފައިވާ ފަދައިން މިހާރުވެސް މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ގޮވާލަމެވެ. ޤައައުމުގައި ހަލަބޮލިކަން އުފެދި ބިރުވެރިކަމުގެ ތެރޭގައި މާލޭގައި ދިރިއުޅޭފަރާތްތަކަށް، އަދި ޚާއްސަގޮތެއްގައި ކުޑަކުދިންނަށާއި މިކަމުގައި އެއްވެސް ވަރަކަށް ޝާމިލް ނުވާ އެތައް ބައެއްގެ ޙައްޤުތަކަށް އޭގެ ނޭދެވޭ އަސަރު ފޯރަމުން ދާތީ، މި ކޮމިޝަނުން ވަރަށް ކަންބޮޑުވާކަމާއި މިގޮތަށް މެދުވެރިވިޔަ ނުދީ، ސުލްޙަވެރި އަމާން ވެއްޓެއް ޤާއިމް ކޮށްދިނުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ.