ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން - PR-009/2012


16-02-2012ތާރީޙް: 

ދިވެހިރާއްޖޭގައި، ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް، އިސްލާމީ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ޙިމާޔަތްކުރެވިފައިވާ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ތަބާވެ އިޙްތިރާމްކުރާ، ޒަމާނީ ޑިމޮކްރަޓިކް ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށް ދިވެހި ރައްޔިތުން ގިނަގުނަ މިންނެތް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ޤާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭ، ފަރުދުންނާއިި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރިކުރެވިފައިވާ، އަމާން، ސުލްހަވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ތަރައްޤީވަމުން ކުރިއަރަމުންދިޔުމަކީ ހަމަ ކޮންމެ ދިވެއްސެއްގެވެސް އުންމީދަކަށްވާނެއެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން އުފެދިފައިވާ ބޮޑެތި މައްސަލަތައް ހައްލުކުމުގައި މަޝްވަރާގެ އުސޫލު އިސްކޮށް، އެއްބަޔަކު އަނެއް ބަޔެއްގެ މެދުގައި އިތުބާރު ޤާއިމްކޮށް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް އެންމެހާ ފަރާތްތަކުން އަމަލުތައް ބަހައްޓަން ޖެހެއެވެ.

މިދަނޑިވަޅުގައި ޤައުމާއި ޖަމާޢަތުގެ މަސްލަޙަތު އިސްކުރައްވައި، އިތުރު ގެއްލުންތަކެއް ނުވާނެގޮތަށް ވިސްނުމާއި ޢަމަލުތައް ބަހައްޓައިގެން، ޤާނޫނު އަސާސީ އިން ލިބިދޭ ޙައްޤުތައް ޒިންމާދާރު ގޮތުގައި ބޭނުންކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ. އަދި ޚާއްޞަގޮތެއްގައި، ޚިޔާލު ފައުޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރާއިރު، އެހެން ފަރާތްތަކުގެ ޙައްޤުތަކަށް އިޙްތިރާމްކޮށް ޢާންމު މަޞްލަޙަތާއި އަމަން އަމާންކަން ނުގެއްލޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މިކޮމިޝަނުން ގޮވާލަމެވެ.

އެއްވެސް ހާލެއްގައި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަންތައްތަކެއް ނޫނެވެ. މިހެންކަމުން މިފަދަ އެއްވެސް ކަމަކަށް ޖާގަދެވިގެން ނުވާނެކަން ފާހަގަކޮށް މުޖުތަމަޢުގައި މިފަދަ ކަންކަން ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަކީ ހުރިހާ ފަރާތެއްގެ އެއްބާރުލުން އެކަމަކަށް ބޭނުންވާ ކަމަކަށްވެފައި، އަދި ވަކިން ޚާއްޞަކޮށް އަމަން ބަލަހައްޓާ ފަރާތްތަކުގެ ޒިންމާއަކަށް ވީހިނދު، މުޖުތަމަޢުގެ އަމަން ބެލެހެއްޓުމުގައި، އަމިއްލަ ފަރުދުންގެ ޙައްޤުތަކާއި އިންސާނީ ކަރާމާތް ރައްކާތެރިކުރެވޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް މިކޮމިޝަނުން ގޮވާލަމެވެ. އަދި އެއްވުންތަކަށް ނިކުމެ އުޅޭ ފަރާތްތަކުންވެސް ސުލްޙަވެރިކަން ދެމެހެއްޓުމަށާއި، އެއްވެސް ފަރާތަކަށް އަނިޔާ އާއި ގެއްލުންވެދާނެފަދަ އަމަލުތަކުން ދުރުހެލިވެތިބުމަށް އިލްތިމާސް ކުރަމެވެ.