ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން


08-02-2012ތާރީޙް: 

މިއަދު މާލޭގައި ހިނގި މުޒާހަރާ ރޫލާލުމުގަޔާއި މުޒާހަރާއާއި ގުޅިގެން ހިނގި އެކިކަންކަމުގައި ފުލުހުންނާއި ސިފައިން ޢަމަލުކޮށްފައިވާ ގޮތް މިކޮމިޝަނުން ނުހަނު ކުށްވެރި ކުރަމެވެ. މިކުރިމަތިލުންތަކުގައި ހިންގާފައިވާ ލާއިންސާނީ އަނިޔާވެރި އަމަލުތަކަކީ އެކަންކަމާއި މެދު މިކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވާ އަދި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ޢަމަލުތަކެކެވެ. އެއްވެސް ޙާލެއްގައި އިންސާނީ ޙައްޤުތަކަށް އިހުމާލުވުމާއި މީހުންގެ ފުރާނަޔަށް ގެއްލުން ލިބޭފަދަ އެއްވެސް ޢަމަލެއް، ޚާއްސަގޮތެއްގައި ރައްޔިތުންގެ ހިމާޔަތުގައި ތިބެންޖެހޭ ފަރާތްތަކުން ކުރުމަކީ ބަލައިގަނެވޭނެ އަދި ނަޒަރުއަންދާޒު ކުރެވޭނެ ކަމެއްނޫނެވެ. މިއަދު މިހިނގާދިޔަ ކަންކަމާއި ގުޅިގެން އިންސާނީ ޙައްޤުތަކާއި ގުޅުން ހުރި ހުރިހާ ކަމެއްގެ ތަޙުޤީޤު ކޮމިޝަނުން މިދަނީ ކުރަމުންނެވެ. އަދި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އިންސާނީ ޙައްޤުތަކަށް އިހްތިރާމްކޮށް، އެޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އެއްވެސް ތަފާތުކުރުމެއްނެތި، ކުރުމަށް މިކޮމިޝަނުން ގޮވާލަމެވެ.