ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން


08-02-2012ތާރީޙް: 

މާލޭގައި އިއްޔެގައި ހިނގައިދިޔަ ތަފާތު ހަމަނުޖެހުންތަކުގެތެރޭގައި އެތަކެއް ޢާންމުންނަށާއި، ފުލުހުންނަށް ތަފާތު އެކިވަރުގެ ގެއްލުންތައްލިބި، އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ފެނިގެންދިޔަކަމީ މިކޮމިޝަނުން ނިޙާޔަތަށް ކަންބޮޑުވާ އަދި އެފަދަ ޢަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިވެސްކުރާކަންކަމެވެ. ޤަޢުމުގެ އިޖްތިމާޢީ އަދި ސިޔާސީ މަސްރަޙުގެ ހަލަބޮލިކަން ކިތަންމެގަދަވިކަމުގައިވީނަމަވެސް އިންސާނީ ޙައްޤުތަކަށް އިޙުމާލުވުމާ މީހުންގެ ފުރާނަޔާ މުދަލަށް ގެއްލުންވެދާނެފަދަ އެއްވެސް ޢަމަލެއް ކުރުމަކީ އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ އަދި އެކަމާމެދު ނަޒަރުއަންދާޒު ވެވޭނެ ކަމެއްނޫންކަމުގައިވެސް މިކޮމިޝަނުން ދެކެމެވެ. އިންސާނީ ކަރާމާތަކީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ނުހަނު މާތްކުރަށްވާފައިވާ ކަމަކަށްވީހިނދު، ޤައުމަށް ދިމާވާ ކޮންމެ ޙާލަތެއްގައިވެސް އަޅުގަނޑުމެންނަކީ އެއްބައެއްވަންތަ މުސްލިމު މުޖުތަމަޢުއެއްކަމުގެ ހަނދާން ނައްތާލައިގެންނުވާނެއެވެ. ޙާއްސަކޮށް އިއްޔެގެ ހަމަނުޖެހުންތަކުގައި އަންހެނުންނަށް ކުރި ތަފާތު އަނިޔާތަކަކީ، މުޖުތަމަޢުގެ ޙާއްސަ ރައްކާތެރިކަން އެބަޔަކަށް ފޯރުކޮށްދީ، ސިޔާސީ މައިދާނުގަޔާއި، އިޖުތިމާޢީ މައިދާނުގައި އެއްވެސް ތަފާތުކުރުމެއްނެތި ރައްކާތެރިކަން ލިބިދޭންޖެހޭ ބަޔަކަށް ވާހިނދު އެފަރާތްތަކާމެދު ހިންގާފައިވަނީ ވަރަށް ދަށުދަރަޖައިގެ ޢަމަލުތަކެއްކަމުގައި މިކޮމިޝަނަށް ސިފަކުރެވެއެވެ. އަދި މިފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ދިވެހި މުޖުތަމަޢުއިން ފެނިގެންވާނެ ޢަމަލުތަކެއްނޫން ކަމުގައިވެސް މިކޮމިޝަނުންދެކެމެވެ.

އިއްޔެ ހިނގައިދިޔަ ކަންކަމާގުޅިގެން އިންސާނީ ޙައްޤުތަކާބެހޭ ގޮތުން ތަޙުޤީޤުކުރަންޖެހޭ ހުރިހާކަމެއް މިކޮމިޝަނުން މިގެންދަނީ ތަޙުޤީޤުކޮށް ބަލަމުންނެވެ. އަދި ހިނގައިދިޔަ މަދަނީ އަދި ޖިނާއީ ކަންކަން ތަޙުޤީޤުކުރުމަށް ކަމާބެހޭ ދަޢުލަތުގެ މުޢައްސަސާތަކަށް މިކޮމިޝަނުން ގޮވާލަމެވެ.

އަދި ދަޢުލަތުގެ ފަރާތްތަކުންވެސް ޤާނޫނުއަސާސީ އާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާ ތަކުން ކަށަވަރުކޮށްދޭ އެންމެހާ އިންސާނީ ޙައްޤުތަކަށް އިހްތިރާމްކޮށް، އެހައްޤުތައް ރައްކާތެރިކޮށް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްދިނުމަށް މިކޮމިޝަނުން ގޮވާލަމެވެ.