ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސް ބަޔާން


24-01-2012ތާރީޙް: 

މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ބައިނަލްއަޤްވާމީ މުޢާހަދާތަކުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ގެއްލެމުންދާތީ ހިޔުމަން ރައިޓްސް ކޮމިޝަނުން މީގެ ކުރިންވެސް އެތައްފަހަރެއްގެ މަތިން ވާނީ ކަންބޮޑުވުން ފާޅުކޮށް މިކަމަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިކަމުގައި ސުލްހަވެރި ހައްލެއް ހޯދިފައި ނުވާތީ މިކޮމިޝަނުން ނިހާޔަތަށް ހިތާމަކުރަމެވެ.

މިގޮތުން ޤައުމީ ދިފާއީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު އަބްދުﷲ މުޙައްމަދު ހައްޔަރުކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާ ޙިލާފަށް ކަމުން އަލްއުސްތާޛު އަބްދުﷲ މުޙައްމަދު ވަގުތުން ބަންދުން ދޫކޮށްލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް އަންގާފައިވާ އެންގުމަށް އިޖާބަ ދިނުމަކީ ދިވެހި މުޖްތަމަޢުގެ އަމަން އަމާންކަމާއި ސުލްހަ މަސްލަސްކަން ގާއިމު ވުމަށާއި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް އަންނާނޭ ކަމެއްކަމުގައި މިކޮމިޝަނުން ދެކެމެވެ. އަދި މިކަމަކީ ދައުލަތުގެ ވާޖިބުތައް ކަމުގައިވާ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކޮށް، ރައްކާތެރިކޮށް ފޯރުކޮށްދިނުމާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރާ މުޖްތަމަޢުއެއް އުފެއްދުމަށް ކޮންމެހެން ބޭނުންކަމެކެވެ.

މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އެއްވުންތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި ގިނަފަރާތްތަކަކަށް ބޮޑެތި އަނިޔާ ތަކެއް ލިބެމުންދާކަމީ ހިއުމަށް ރައިޓްސް ކޮމިޝަނުން ކުށްވެރިކުރާ އަދި ކަންބޮޑުވާ ކަމެކެވެ. މިގޮތުން ރޭގެ މުޒާހަރާ ކަވަރ ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިޔަކަށް ކޮށްފައިވާ ލާއިންސާނީ ދަށުދަރަޖައިގެ އަނިޔާތައް މިކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިހަލަބޮލިކަމުގެ ތެރޭގައި ތަފާތު އެކިފަރާތްތަކަށާއި މިކަމުގައި އަޑުއުފުލާ ފަރާތްތަކަށް ކުރިމަތިވަމުންދާ ބިރުދެއްކުންތަކާ ލިބެމުންދާ އަނިޔާތަކާއި މުދަލާ ތަކެއްޗަށް ދެމުންދާ ގެއްލުންތައް މިކޮމިޝަނުން ކުށްވެރިކޮށް މިފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލަމެވެ. އިންސާނީ ކަރާމާތާއި ދިރިހުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ޙައްޤަކަށް ވީހިނދު މިޙައްޤަށް އެއްވެސް ފަރާތަކުން އެއްވެސް މަޤްސަދެއް ހާސިލުކުރުމަށްޓަކައި އަރައިނުގަތުމަށާއި މިފަދަ ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތައް ފުރިހަމައަށް ތަހުގީޤުކޮށް ދޭންޖެހޭ ޙައްޤުއަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މިކޮމިޝަނުން ގޮވާލަމެވެ. އަދި އެއްވުންތައް ރޫޅާލުމުގައި އަމަންބަލަހައްޓާ ފަރާތްތަކުން އެއްވެސް ފަރާތްތަކަށް އަނިޔާ ނުވާނޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް މިކޮމިޝަނުން އިލްތިމާސް ކުރަމެވެ.