ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން


20-01-2012ތާރީޙް: 

މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެތަކެއް ޢާންމު ރައްޔިތުންނަށާއި، އެކި އެކި ފަރާތްތަކުގެ ގޮވަތި ގެދޮރަށާއި، ޢާންމު ޢިމާރާތްތަކަށާއި ދައުލަތުގެ މުދަލަށް ލިބެމުންދާގެއްލުންތަކަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ނުހަނު ކަންބޮޑުވާ އަދި އެފަދަ ކަންކަން ނުކުރުމަށް އެތަކެއްފަހަރުމަތިން ހަނދާންކޮށްދީ އިލްތިމާސްކޮށްފައިވާ ކަންކަމެވެ.

އެއްވެ އުޅުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމާއި، މިނިވަންކަމާއެކު އިހުތިޖާޖުކުރުމުގެ ހައްޤު އެކި ފަރާތްތަކުން ބޭނުންކުރާއިރު އެކަމާ ގުޅުންނެތް އެތައް ބަޔަކަށް، އަދި ޚާއްސަގޮތެއްގައި މުޖުތަމަޢުގެ ޚާއްސަ ރައްކާތެރިކަން އެބަޔަކަށްލިބެންޖެހޭ ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީމީހުންނަށާއި، ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް، ނުހަނު ބޮޑެތި ގެއްލުންތައް ވަމުންދާކަން މިކޮމިޝަނުން ހިތާމަޔާއެކު ފާހަގަކޮށް އެގޮތަށް އެކަން ނުކުރުމަށް ގޮވާލަމެވެ. ކޮންމެ ޙައްޤަކީވެސް އެޙައްޤާއެކު ލާމެހިފައިވާ ޒިންމާތަކެއް އޮންނަ ކަމަކަށް ވެފައި، ތިމާގެ މިނިވަންކަމުގެ ޙުދޫދަކީ އަނެކާގެ ޙައްޤާއި މިނިވަންކަމަށް ބުރޫނާރާގޮތަށް ތަންފީޒުވާންޖެހޭ ކަންކަމަށް ވާހިނދު މުޒާހަރާ ކުރާފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ މިނިވަންކަން ޒިންމާދާރުގޮތެއްގައި، އަނެކާޔަށް ގެއްލުންނުވާނެގޮތަށް ބޭނުންކުރުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ.

އަދި މިހާރަކަށްއައިސް މިފަދަ އެއްވުންތަކުގަޔާއި، މީޑިއާގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް އަދި އެނޫންވެސް ގޮތްގޮތުން މީހުންގެ ހިތްތަކުގައި ނަފުރަތާއި، ރުޅިވެރިކަމާއި، ބިރުވެރިކަން އުފެދޭ ޒާތުގެ ވާހަކަތައް ދެއްކުމުގެ ސަބަބުން މުޖުތަމަޢުގެ އަމަން އަމާންކަމަށާއި ހަމަޖެހުމަށް ވަރަށް ނޭދެވޭ އަސަރުތަކެއްކުރުވާކަން ފާހަގަކުރެވެއެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ އިޖްތިމާޢީ ފޭރާން ބަލިކަށިވެ، އެކަކު އަނެކަކަށް ކުރަންޖެހޭ އިތުބާރާއި އިޙްތިރާމް ގެއްލި، ޙައްޤުތައް އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެވޭ މާޙައުލެއް ޤާޢިމުކުރުމަށް ގިނަގުނަ ހުރަސްތައް ކުރިމަތިވަމުންދެއެވެ. އެހެންކަމުން މިފަދަ ނޭދެވޭ ޢަމަލުތަކުން އެއްކިބާވެ، ޚިޔާލުތަފާތުވުމާއި، ދެބަސްވުންތައް ޙައްލުކުރުމުގައި ބިނާކުރަނިވި މަޝްވަރާއާއި ސުލްޙަވެރި ޢުސޫލުތައް އިސްކުރުމަށް މިދަނޑިވަޅުގައި މިކޮމިޝަނުން ގޮވާލަމެވެ.