ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ރައްޔިތުންގެ އަސާސީ ޙައްޤުތަކެއް ގެއްލި، ޤާނޫނީ ވެރިކަމުގެ ބާރުތައް ބަލިކަށިވާފަދަ ޢަމަލުތައް ހިނގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެޢަމަލުތައް ކުށްވެރިކޮށް މިކަންތައް ޙައްލުކުރުމަށް މަސައްކަތްކުރުމަށް އެޗްއާރްސީއެމް އިން ރައީސުލް ޖުމްހޫރިއްޔާ އާއި ދިފާޢީބާރުތަކަށް އަދި ހޯމް އެފެއާރޒް އަށް ގޮވާލައިފި


17-01-2012ތާރީޙް: 

ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުގައި އެތަކެއް ރައްޔިތުންގެ އަސާސީ ޙައްޤުތަކެއް ގެއްލި، ޤާނޫނީ ވެރިކަމުގެ ބާރުތައް ބަލިކަށިވާފަދަ ޢަމަލުތައް ހިނގަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރުމާއެކު، އެޢަމަލުތައް ކުށްވެރިކޮށް މިކަންތައް ޙައްލުކުރުމަށް މަސައްކަތްކުރުމަށް އެޗްއާރްސީއެމް އިން ރައީސުލް ޖުމްހޫރިއްޔާއަށާއި، ދިފާޢީބާރުތަކަށް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އަށް ގޮވާލައިފިއެވެ. ކޮމިޝަނުން މިކަމަށް ގޮވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ ޠަލްހަތު އިބްރާހިމް ކަލޭފާނަށާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޙަސަން ޢަފީފަށް ވަކިވަކިން ފޮނުއްވާފައިވާ ސިޓީފުޅުތަކެއްގައެވެ.

މިގޮތުން ރައީސުލް ޖުމްހޫރިއްޔާއަށް ފޮނުވި ސިޓީފުޅުގައި ކޮމިޝަނުން ވަނީ ރައްޔިތުންނަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، އަބުރު ރައްކާތެރިކުރުމާއި، ގޯތިގެދޮރާއި މުދާ ރައްކާތެރިކުރުމުގެ ޙައްޤުފަދަ މުހިއްމު އަސާސީ ޙައްޤުތަކެއް، އެއްވެސް ތަފާތުކުރުމެއްނެތި ލިބޭނެކަމަށް ރައްޔިތުންނަށް އޮތް އިތުބާރު ކުޑަވާފަދަ ޢަމަލުތަކެއް ދައުލަތުގެ ޒިންމާދާރު މުއައްސަސާތަކުން ކުރަމުން ގެންދާކަން ފާހަގަކޮށް، އެފަދަ ޢަމަލުތަކަކީ މިނިވަން، ޑިމޮކްރެޓިކް ޤައުމެއްގައި އެއްވެސް ޙާލަތެއްގައި ހިނގައިގެންވާނެ ކަންތަކެއްނޫން ކަމަށް ބަޔާންކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން، މިކަންކަމުގައި ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައި، ޤާނޫނީ ވެރިކަމުގެ ހުދޫދުގެ ތެރެއިން ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވުމަށް ކޮމިޝަނުން ވަނީ ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސްކޮށްފައެވެ.

ޑިފެންސް މިނިސްޓަރަށް ކޮމިޝަނުން ފޮނުވި ސިޓީގައި ވަނީ 16 ޖެނުއަރީ 2012ވަނަ ދުވަހުގެރޭ، ކްރިމިނަލް ކޯޓްގެ އިސްޤާޟީ އަލްއުސްތާޛު ޢަބުދުﷲ މުޙައްމަދު ސިފައިންގެ ބެލުމުގެދަށަށް ގެންދިޔުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ބައިނަލްއަޤުވާމީ އުޞޫލްތަކާއި ޚިލާފު ޢަމަލެއް ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާކަމަށެވެ. މިގޮތުން ޤާނޫނުގައި ބަޔާންވެގެންވާ ގޮތެއްގެ މަތިން މެނުވީ އެއްވެސް މީހަކު ހިފާހައްޔަރުކުރެވިގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވުމާއި، ޑިމޮކްރެޓިކް ޤައުމުތަކުގައި ސިފައިން އަދާކުރާ ދައުރުގެ ތެރޭގައި މަދަނީން ހައްޔަރުކުރުން ނުހިމެނޭކަމާއި، އެއްވެސް ޙާލަތެއްގައި މީހަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިނަމަ، އެމީހަކު ބަހައްޓާފައިހުރި ތަނެއް އޭނާގެ އާއިލާއަށާއި ޤާނޫނީވަކީލަށް އެންގުމަކީ، ޤާނޫނުއަސާސީއާއި ބައިނަލްއަޤުވާމީ ސިޔާސީ އަދި މަދަނީ ޙައްޤުތަކާގުޅޭ މުޢާހަދާއިން ދިވެހި ދައުލަތަށް ލާޒިމްކުރާ ކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކަށް ޙުރުމަތްތެރިކޮށް ހިތްތެވުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށްވެސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ހޯމް މިނިސްޓަރަށް ފޮނުވި ސިޓީގައި ފުލުހުންގެ މަސައްކަތްކުރުމަށް ކަނޑައެޅިފައިވާ އިޖްރާޢަތްތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމާއެކު، ނުފޫޒުތަކުން އެއްކިބާވެ ތިބެ، ފުލުހުންނަށް ޤާނޫނީ ވާޖިބުއަދާކުރެވޭނެ ފުރިހަމަ އިޚްތިޔާރާއި ބާރު، މިނިވަންކަމާއެކު ބޭނުންކުރުމަށް މަގުފަހިވެފައިއޮތުމަކީ، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވިފައިވާ މާހައުލެއް ޤާއިމްކުރުމަށްޓަކާ ލާޒިމް ކަމެއްކަމަށާއި؛ މިކަމުގައި މިނިސްޓްރީ އޮފް ހޯމްއެފެއާރޒްއާއި މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ޒިންމާތައް އަދާކުރެއްވުމުގައި ސަމާލުވެވަޑައިގަތުމަށް އެފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފުލުހުންނަކީ، ރައްޔިތުންނަށް ރައްކާތެރި އަމާން މާޙައުލެއް ޤާއިމްކުރުމުގައި އެންމެ އިސްދައުރު އަދާކުރާ ފަރާތަށްވާހިނދު، ޤާނޫނުއަސާސީއިން ލިބިދޭ ރައްކާތެރިކަމާއި ޙިމާޔަތަށް ބުރޫއަރާފަދަ އެއްވެސް ޢަމަލެއް ފުލުހުންގެ ފަރާތުން ފެނުމަކީ، ފުލުހުންގެ މުއައްސަސާ އާއި މެދު ރައްޔިތުންގެ އިތުބާރު ކުޑަވެ، ފުލުހުންގެ ޤާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތައް އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ހުރަސްއެޅޭނެކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ހާލަތު ބަދަލުކޮށް ރައްޔިތުންގެ ހައްޤުތަކާއި ކަރާމާތަށް ބުރޫނާރާ ގޮތަކަށް ކަންތައް ގެންދިއުމާއި ބެހޭގޮތުން ރައީސް އޮފީހާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސިކިއުރިޓީ އަދި ފުލުހުންގެ އިސް ބޭފުޅުންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ކޮމިޝަނުގެ ފަރާތުން މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އެމަސައްކަތް ކާމިޔާބު ކުރެވިފައިނުވާކަން ފާހަގަކުރަމެވެ.