ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން


17-01-2012ތާރީޙް: 

މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖެގެ ޤާނޫނު އަސާސީ އާއި ބައިނަލް އަޤްވާމީ މުޢާހަދާތަކުން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން ގެއްލެމުންދާތީ ހިޔުމަން ރައިޓްސް ކޮމިޝަނުން ވަރަށް ކަންބޮޑުވެއެވެ.

މި ކޮމިޝަނުން 13 ޖެނުއަރީގައި ނެރުނު ނޫސްބަޔާނުންވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އިރު، އެންމެހާ ފަރާތްތަކުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް ވާނީ އިލްތިމާސްކޮށްފައެވެ. އެހެންނަމަވެސް، މިހާރު ހިނގަމުންމިދާ ހަމަނުޖެހުންތަކުގައި ގިނަ ފަރާތްތަކަކަށް އަނިޔާލިބި ޝަރުޢީ ދާއިރާގެ ޙުރުމަތްކެނޑޭފަދަ ޢަމަލުތައް ފެންނަމުންދާތީ، މި ފަދަ ޢަމަލުތައް މި ކޮމިޝަނުން ކުށްވެރިކުރަމެވެ.

ޤާނޫނުއަސާސީގެ 24 ވަނަ މާއްދާގައި ގޯތިގެދޮރަކީ ޙުރުމަތްތެރިވެގެންވާ ތަންތަން ކަމަށާއި ހަމަކޮންމެ މީހަކުމެ އެތަންތަނަށް ޙުރުމްތަތެރިކޮށް ހިތަންވާނެކަމަށް ބަޔާންކޮށްފައިވާއިރު އެއްވެސް ޙާލެއްގައި އެޙައްޤަށް އުނިކަމެއް ލިބޭފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް މިކޮމިޝަނުން ގޮވާލަމެވެ.

ޤައުމުގެ ސުލްޙަމަސަލަސްކަން ދެމެހެއްޓުމަކީ ހުރިހާ ފަރާތެއްގެ ޒިންމާއަކަށް ވީހިނދު، ވަކިން ޙާއްސަކޮށް އަމަން ބަލަހައްޓަވާ ފަރާތްތަކުން، މުޖުތަމަޢުގެ އަމާންކަމަށާއި، އަމިއްލަ ފަރުދުންގެ ކަރާމާތައް ބުރޫނާރާނެގޮތަށް ޢަމަލުތައް ބަހައްޓަވަންޖެހެއެވެ. އަދި އެއްވުންތަކަށް ނިކުމެ އުޅޭފަރާތްތަކުން ސުލްޙަވެރިކަން ދެމެހެއްޓޭނެގޮތަށް، އެއްވެސް ފަރާތަކަށް އަނިޔާ އާއި ގެއްލުންވާނެފަދަ އެއްވެސް ހަތިޔާރެއް ބޭނުންނުކުރުމަށާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކުން އެއްކިބާވުމަށާއި، އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަންއުފެދިދާނެ އެއްވެސް އަމަލެއް ނުހިންގުމަށް އިލްތިމާސްކުރަމެވެ.

މިކަމުގައި ހިއްސާވާ ހުރިހާ ފަރާތްތަކަކަކުންވެސް ސުލްޙަވެރިކަމާއެކު މައްސަލަތައް ޙައްލުކުރުމަށް މަސައްކަތްކުރުމަށް ގޮވާލާހިނދު، މިކަމުގައި ޙައްލެއް ހޯދުމަށްޓަކައި މި ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާވާހަކަވެސް މިފުރުސަތުގައި ހާމަކުރަމެވެ.