ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

ނޫސްބަޔާން


13-01-2012ތާރީޙް: 

މިހާރު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން އާންމު ރައްޔިތުންގެ އަސާސީ ޙާއްޤުތަކާއި މިނިވަންކަމަށް އޭގެ ނޭދެވޭ އަސަރުކޮށް، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީ ފައިވާ ޙައްޤުތަކާމެދު ރައްޔިތުންގެ ހިތްތަކުގައިވާ ޔަޤީންކަންކުޑަވެ ބިރުވެރިކަން އުފެދެމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަނުން ކަންބޮޑުވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިދީފައިވާ އިރު، އެންމެހާ ފަރާތްތަކުން ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުތައް ބެހެއްޓެވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން އިލްތިމާސްކުރަމެވެ.

ފުރިހަމަ ޑިމޮކްރަސީއެއްގައި ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އުޅުމުގެ މިނިވަންކަމާއި އެކަކު އަނެކަކަށް އިހްތިރާމުކުރުމާއި އިންސާނީ ކަރާމާތް ނެގެހެއްޓުމާއި ހަމަހަމަކަމާއި ތަފާތު ނުކުރުމުގެ އަސާސީ އުސޫލުތައް ހިފެހެއްޓުމާއި އެކަންކަން ކުރިއަރުވާ ދެމެހެއްޓުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލަމެވެ.

ޑިމޮކްރަސީއެއްގެ ޅަފަތުގައި އެންމެ އިސްކަމެއް ދޭންޖެހޭނެ ކަންކަމަކީ ވެރިކަން ހިންގާ ފަރާތާއި ދައުލަތް ޒިންމާދާރު ކުރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި ދެމެދު ދުޅަހެޔޮ ބިނާކުރަނިވި ގުޅުމެއް ޤާއިމުކުރެވި، ކަންކަން ހައްލުކުރުމުގައި މަޝްވަރާގެ ރިވެތި އުސޫލާއި އިންސާނީ ޙައްޤުތަކަށް އިހްތިރާމްކުރުމުގެ ސަގާފަތެއް ޤާއިމުކުރުމުގެ އުސޫލުތައް ގެންގުޅުމެވެ. މީގެ އިތުރުން، ޑިމޮކްރަސީގެ އުސޫލުތައް ދެމެހެއްޓުމަށް މަސައްކަތްކުރަންޖެހޭ، ސަރުކާރާއި ދައުލަތުގެ އިސް ފަރާތްތައްކަމަށްވާ ރައްޔިތުންގެ މަޖިލިހާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ގޮތަށް މަގުފަހިވެފައި އޮތުމާއި އެތަންތަނުގެ އަގު ހިފެހެއްޓުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.

ވީމާ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް ނިގުޅައިނުގަނެވޭނެގޮތަށް އަމަލުތައް ބެހެއްޓުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ދެމިއޮންނާނޭ ގޮތަށް ހުރިހާ ފަރާތްތަކުންވެސް، ޚާއްސަކޮށް އަމަން ބަލަހައްޓަވާ ފަރާތްތަކުން އަމަލު ކުރުމަށާއި ކޮންމެ ފަރުދެއްގެވެސް އިންސާނީ ކަރާމާތް ނެގެހެއްޓުމަށް ސަމާލުކަން ދެއްވުމަށް ގޮވާލަމެވެ.