Human Rights Commission of the Maldives

ނޫސްބަޔާން


21-04-2011ތާރީޙް: ކޮންމެ މުޖްތަމަޢުއެއްގައިވެސް ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކެއް ތިބޭ ހިނދު، މިއަދު ދިވެހިރާއްޖޭގައި ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނަށް މުޖްތަމަޢުގައި ލިބިދޭންޖެހޭ ރައްކާތެރިކަން ނުލިބި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކަށް ހުށަހެޅި، ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ، އެކަމުގެ އަސަރު، އެފަރާތްތަކަށާއި މުޅި މުޖްތަމަޢުއަށް ކޮށްފައި މިވަނީ ކަންބޮޑުވާންޖެހޭ ދަރަޖައަކަށެވެ.

މިގޮތުން ދާދިފަހުންވެސް ވަރަށް އަނިޔާވެރި ގޮތަކަށް އުމުރުން ދުވަސްވީ އަންހެނެއްގެ ޢިއްފަތްތެރިކަމަށް އަރައިގަނެ، ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވުމާއި، އަދި ކުޑަކުދިންނަށް ޖިންސީގޮތުން އަނިޔާކުރުމުގެ ތަފާތު ޢަމަލުތައް ހިންގާފައިވާތީ މިޢަމަލުތަށް މިކޮމިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ހަމަމިއާއެކު މާރާމާރި ހިންގުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދީ އެތައްބައެއްގެ ދިރިއުޅުމުގެ ޙައްޤަށް އަރައިގަންނަމުން ދާތީ އެފަދަ އަމަލުތައްވެސް މިކޮމިޝަނުން ނިޙާޔަތަށް ކުށްވެރިކުރަމެވެ. އަދި މިއަނިޔާވެރި ޢަމަލުތައް ހިންގި ފަރާތްތައް ހޯދާ، ތަޙްޤީޤްކޮށް ޤާނޫނީގޮތުން ލިބެންޖެހޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ދަޢުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މިކޮމިޝަނުން ގޮވާލަމެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ހުއްޓުވައި މިފަދަ ކަންކަމުން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް ރައްކާތެރި ވެށްޓެއް ޤާއިމްކުރުމަށް ސަރުކާރާއި، ދަޢުލަތުގެ މުޢައްސަސާތަކާއި، ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، އެންމެހާ ރައްޔިތުން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުމަށްވެސް ގޮވާލަމެވެ.

ދިވެހި މުޖްތަމަޢުގައި ކުށްކުރުން އިތުރުވެ މިދަރަޖައަށް މުޖްތަމަޢުގެ ހާލަތު ދިއުމުގެ ކުރިން މިކޮމިޝަނުންވާނީ މިކަމާމެދު ސަމާލުވެ ދަޢުލަތުގެ ހުރިހާ މުޢައްސަސާތަކުންވެސް އެފަރާތްތަކުގެ ޒިންމާ އަދި ޤައުމީ ވާޖިބު އަދާކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. މިގޮތުން ބޮޑެތި ކުށްތަކުގައި ހުކުމް ކޮށްފައިވާ އަދި ތަކުރާރުކޮށް ހައްޔަރުކުރެވިފައިވާ ނުރައްކާތެރި ކުށްވެރިން މުޖްތަމަޢުގެ ތެރެއަށް ދޫކޮށްލާފައި ތިބުމުގެ ސަބަބުން އިތުރު ކުށްތަކަށް އަރައިގަންނަމުން ދާއިރުވެސް، ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް ތަންފީޒީ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާކަން ފާހަގަކޮށްފައިވާނެއެވެ. އަދި ޢަދުލްއިންސާފް ޤާއިމް ކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަމުން ދިޔަނަމަވެސް، ޤައުމުގެ ހާލަތަށް ބައްލަވާ، ކުށްމަދުކުރުމަށް ބޭނުންވާ އެންމެހާ ޤާނޫނުތަކުގެ މަސައްކަތް އަވަހަށް ނިންމާ، ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާފައިވާނެއެވެ. އަދި މިކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޝަންގެ ފަރާތުން މިގެންދަނީ ދަޢުލަތުގެ ތަފާތު މުޢައްސަސާތަކާ ބައްދަލުކޮށް މަޝްވަރާތަށް ކުރަމުންނެވެ.

ކުށްކުރުން ހުއްޓުވުމަށް ޤައުމީ އެއްމެ މަތީފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އަޅައި ރާއްޖެއަކީ އަމަންއަމާންކަމާއި، ހިތްހަމަޖެހުމާއި އެކުވެރިކަމާއެކު ދިރިއުޅޭ ޤައުމަކަށް ހެދުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަސައްކަތުގައި ދަޢުލަތުގެ ހުރިހާ މުޢައްސަސާތަކާއި އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް މިކޮމިޝަނުން އިލްތިމާސްކުރަމެވެ. އަދި މިމައްސައްކަތަށް ކާމިޔާބީ އާއި މިކަމުން އެދެވޭ އަވަސް ނަތީޖާއެއް ފެނިގެންދާނެކަމަށް މިކޮމިޝަނުން އުންމީދުކުރަމެވެ.