Human Rights Commission of the Maldives

ދުނިޔޭގެ ސިއްޙަތު ދުވަސް 2011 ގެ މުނާސަބަތުގައި އެޗްއާރްސީއެމްއިން ދޭ ބަޔާން


07-04-2011ތާރީޙް: މިއަދަކީ ދުނިޔޭގެ ސިއްޙަތު ދުވަހެވެ. ސިއްޙަތަކީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. ދުޅަހެޔޮ ސިއްޙަތަކަށް ބޭނުންވާ އެންމެހާ ކަންކަމަށް މަގުފަހިކޮށް ދިނުމަކީ ކޮންމެދައުލަތަކުން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ޙައްޤެކެވެ. އަދި ފުރިހަމަ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް މެއެވެ.

ބަލިތަކުން ސަލާމަތްވެ ރައްކާތެރިކަން ހޯދުމަށާއި ބަލިވުމުން ފަރުވާ ހޯދުމަށްޓަކައި އިންސާނުންދަނީ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން ހޯދިފައިވާ އެއް ކުރިއެރުމަކީ އެންޓި މައިކްރޯބިއަލް ޑްރަގްސް ނުވަތަ ޖަރާސީމާއި ދެކޮޅަށް ބޭނުންކުރާ ބޭސް އުފެއްދުމެވެ. ނަމަވެސް، މިބޭސްތައް ނަހަމަގޮތުގައި ބޭނުންކުރުންވަނީ މުޅިދުނިޔޭގައިވެސް ޢާއްމުވެފައެވެ. މިކަމުގެ ސަބަބުން ޖަރާސީމްތައް ބޭހަށް ހޭނި، ބޭހަށް ނުގުޑާގޮތް ދިމާވުން ދަނީ އިތުރުވަމުންނެވެ. މިމައްސަލަވަނީ ކަންބޮޑުވާ ދަރަޖައަށް ދުނިޔޭގައި މިހާރު ޢާއްމުވެފައެވެ. އެހެންކަމުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން މިއަހަރުގެ ސިއްޙަތު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ،

“Antimicrobial Resistance : No action today, no cure tomorrow”
"ބޭހަށް ނުގުޑާ ޖަރާސީމް : މިއަދު ފިޔަވަޅު ނާޅައިފިނަމަ، މާދަމާ ފަރުވާއެއް ނެތް" އެވެ.
މިޝިޢާރު ކަނޑައެޅުމުގެ ބޭނުމަކީ މިމައްސަލަ ދުނިޔޭގެ އެންމެންގެ ސަމާލުކަމަށް ގެނެސް މިފަދަ ބޭސްތައް ނަހަމަގޮތުގައި ބޭނުންކުރުމުން ދުރުހެލިވުމަށް ބާރުއެޅުމެވެ.

ދުނިޔޭގައި މިކަން ބޮޑުމައްސަލައަކަށް ވެފައިވާއިރު، ރާއްޖޭގައިވެސް މިކަމަކީ އަދު ސަމާލުކަން ދޭންޖެހިފައިވާ މައްސަލައެކެވެ. ބޭހަށްނުގުޑާ ޓީބީ ޖަރާސީމް ރާއްޖޭގައި ދަނީ ގިނަވަމުންނެވެ. އަދި މީގެއިތުރުން އެންޓި މައިކްރޯބިއަލް ބޭސްތައް ވަކި އުޞޫލެއްނެތި ރާއްޖޭގައި ވެސް ދަނީ ބޭނުންކުރަމުންނެވެ. މިހެން ދިމާވަނީ ބޭސް ބޭނުންކުރާ ފަރާތްތަކުން ހެޔޮގޮތުގައި ބޭސް ބޭނުން ނުކުރުމާއި ހެޔޮގޮތުގައި ބޭސް ބޭނުން ކުރުމަށް ބޭނުންވާ މަޢުލޫމާތުވެސް އެކަށީގެންވާގޮތުގައި ލިބިފައި ނެތުމުންނެވެ.

ރާއްޖޭގައި ޞިއްޙީފަރުވާއާ ބެހޭ އެކަށީގެންވާ ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައި ނެތުމާއި، އަދި ހެދިފައި ހުރި މަދު ޤާނޫނުތަކާއި ގަވާއިދުތައްވެސް އެކަށީގެންވާ ގޮތުގައި ތަންފީޛު ނުކުރެވުމަކީވެސް މިމައްސަލަ ދިމާވުމަށް މަގުފަހިވެގެންދާ ކަމެކެވެ.

ކޮންމެ މީހަކަށްމެ ދުޅަހެޔޮ ސިއްޙަތެއް ލިބުމުގެ ޙައްޤާއި، މިޙައްޤު ލިބިދިނުމަށް މަގުފަހި ކޮށްދިނުމަށް ޤާނޫނުއަސާސީ ދައުލަތުގެ މައްޗައް ލާޒިމް ކުރާއިރު، ރާއްޖޭގައި ޞިއްޙީ ދާއިރާއިން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ގިނަގުނަ ޚިދްމަތް ތަކެއް ވަނީ އިތުރަށް ތަރައްޤީކުރަން ޖެހިފައެވެ. އެހެނީ ރާއްޖޭގެ ސިއްޙީ ނިޒާމް އެއްކޮށް ވިޔަފާރި އުސޫލަށް ބަދަލުކުރައްވާފައިވާއިރު، މިކަމާ ގުޅުން ހުރި ޤާނޫނުތައް ތަޢާރަފްކުރެވި، ހެޔޮގޮތުގައި މޮނިޓަރ ކުރެވި ޙިދުމަތް ދޭފަރާތް ތަކާއި ޚިދުމަތް ލިބިގަންނަ ފަރާތް ތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އިންސާނީ ކަރާމަތަށް އިޙްތިރާމް ކުރެވިގެން ފަރުވާ ދެވޭ ތަންތަން ކަމުގައި ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ހެދޭނެ ގޮތް ހަމަޖައްސަން ޖެހެއެވެ.

މިގޮތުން ބޭނުންވާ އަސާސީ ޤާނޫނުތަކުގެ ތެރޭގައި ޢާންމު ޞިއްހަތު ރައްކާތެރިކުރުމާބެހޭ ޤާނޫނާއި ޞިއްހީ ޚިދުމަތްދިނުގެ ޤާނޫނާއި ކާބޯތަކެތީގެ ޤާނޫނާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޤާނޫނާއި ފެނާބެހޭ ޤާނޫނާއި މެޑިކަލް ނެގްލިޖެންސް ޤާނޫނު ހިމެނެއެވެ. މިއީ ފާހަގަކޮށްލެވޭ، އަދި މިހާރުން މިހާރަށް ބޭނުންވާ ޤާނޫނުތަކެކެވެ. ސިއްހީ ނިޒާމާއި، ބޯފެން ވިޔަފާރި އުޞޫލުންދީ، ޢާންމު ޞިއްހަތުގެ ޚިދްމަތްތައް ލާމަރުކަޒީ އުޞޫލުން ފޯރުކޮށްދޭން ރާއްޖޭގައި ފަށާފައިވާއިރު، މިދެންނެވި ޤާނޫނުތައް އަވަހަށް އެކުލަވާލައި ފާސްކުރުމަށް ދުނިޔޭގެ ޞިއްޙީދުވަހުގެ މުނާސަބަތުގައި މިކޮމިޝަނުން ދަޢުލަތުގެ ކަމާބެހޭ އެއްމެހާ ފަރާތްތަކަށް ގޮވާލަމެވެ. އަދި ކޮންމެ ރައްޔިތަކުމެ ފަރުދީ ޒިންމާ ނެގުމުގެ ގޮތުން ބޭސް ނަހަމަގޮތުގައި ބޭނުން ނުކުރުމަށާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ހަށިގަނޑުގެ ތަރުބިއްޔަތު ދަމަހައްޓައި ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް މިފުރުޞަތުގައި ގޮވާލަމެވެ.